އޮސްޓްރޭލިއާގެ ކުޑަކުދިންގެ ޕާކު ސާމާނު ހޯދުމުގެ ފުރުސަތު ކައުންސިލްތަކަށް ހުޅުވާލައިފި

އޮސްޓްރޭލިއާ އިން ހަދިޔާކުރާ ބައެއް ސާމާނު. ފޮޓޯ: އޮސްޓްރޭލިއާ މޯލްޑިވްސް ފްެރެންޑްޝިޕް އެސޯސިއޭޝަން
އޮސްޓްރޭލިއާ އިން ހަދިޔާކުރާ ބައެއް ސާމާނު. ފޮޓޯ: އޮސްޓްރޭލިއާ މޯލްޑިވްސް ފްެރެންޑްޝިޕް އެސޯސިއޭޝަން

އޮސްޓްރޭލިއާގެ ކުޑަކުދިންގެ ޕާކުތަކުގައި ބޭނުންކޮށްފައިވާ، އަލުން ބޭނުންކުރެވޭ ފަދަ ރަނގަޅު ހާލަތުގައި ހުރި ސާމާނު ރާއްޖޭގެ ރަށްރަށަށް ހަދިޔާކުރުމުގެ ޕްރޮގްރާމެއް އޮސްޓްރޭލިއާ ހައިކޮމިޝަނުން ފަށައިފިއެވެ.

މި މަޝްރޫއަކީ އެ ގައުމުގެ ހައިކޮމިޝަނާއި އޮސްޓްރޭލިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ޕްރޮގްރާމުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިއާގައި ކުރިން ބޭނުންކޮށްފައިވާ ތަކެތި ކަމުގައިވިޔަސް، އެއީ ރައްކާތެރިކަމާއެކު ބޭނުންކުރެވޭނެ ފެންވަރުގައި ހުރި ތަކެތިކަން ހައިކޮމިޝަނުން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް، އޭގެ ތެރެއިން ބައެއް ސާމާނުތަކަށް ކުދިކުދި މަރާމާތުތައް ބޭނުންވެދާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ. މި ތަކެތި ބޭނުންވާ ކައުންސިލްތަކަށް އެހީތެރިވުމުގެ ގޮތުން، ސާމާނުތައް ރާވާނެ ގޮތުގެ ތަފްސީލީ ޕްލޭންތަކާއި ކުރެހުންތައް ވެސް ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ރަށްރަށުގައި ކުޑަކުދިންނަށް ހިތްފަސޭހަ މާހައުލެއް ބިނާކުރުމަށް އެހީތެރިވުމުގެ މަގްސަދުގައި ހިންގާ މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ކައުންސިލްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި މަޝްރޫއުގައި ބައިވެރިވުމަށް އެދި "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީއައިއޯ) ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ މި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ.

އޮސްޓްރޭލިއާ ހައިކޮމިޝަނުން ވަނީ މި ޕްރޮގްރާމުގެ ދަށުން ދޫކުރާ ސާމާނުތަކުގެ ފޮޓޯތައް ވެސް އާންމުކޮށްފައެވެ. މިއީ ރަށްރަށުގެ އިޖުތިމާއީ މާހައުލު ކުރިއެރުވުމަށާއި، ކުޑަކުދިންނަށް ކުޅިވަރު ކުޅެވޭނެ ރައްކާތެރި ތަންތަން ގާއިމުކުރުމަށް ކައުންސިލްތަކަށް ލިބިގެންދާ ރަނގަޅު ފުރުސަތެއް ކަމަށް ބެލެވެއެވެ

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ