މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އެންމެހާ އިދާރާތަކުގެ ޕަބްލިކް ރިލޭޝަންސް (ޕީއާރު) މަސައްކަތްތައް ކޮށްދޭނެ ކުންފުންޏެއް ހޯދުމަށް އެ މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެވެ.
މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައިވަނީ، މިނިސްޓްރީގެ އިތުރުން އޭގެ ދަށުން ހިންގާ ހަ އިދާރާއެއްގެ މީޑިއާ އަދި ޕީއާރު މަސައްކަތްތައް ދެ އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ. މި އިދާރާތަކުގެ ތެރޭގައި ނެޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ)، ނެޝަނަލް ސެންޓާ ފޯ ކަލްޗަރަލް ހެރިޓޭޖް، ދިވެހިބަހުގެ އެކެޑަމީ، ނެޝަނަލް ބިއުރީ އޮފް ކްލަސިފިކޭޝަން، ނެޝަނަލް އާކައިވްސް އަދި ގައުމީ ކުތުބުޚާނާ ހިމެނެއެވެ.
މި މަސައްކަތުގެ ދަށުން ހޮވޭ ކުންފުންޏަކުން މިނިސްޓްރީއާއި އެ އިދާރާތަކުގެ އެކި ޑިޕާޓްމެންޓުތަކާއި، ހިންގާ ޕްރޮގްރާމްތަކާއި، އިވެންޓުތަކުގެ އިތުރުން ކެމްޕޭނުތަކުގެ ޕީއާރު ކަންކަން ބަލަހައްޓަން ޖެހޭނެއެވެ. މީގެ ތެރޭގައި ނޫސްވެރިންގެ ބައްދަލުވުންތައް އިންތިޒާމުކުރުމާއި، ރާއްޖެއާއި ބޭރުގެ މީޑިއާތަކާ ގުޅުން ބަދަހިކުރުމާއި، ސޯޝަލް މީޑިއާ އެކައުންޓުތައް މެނޭޖުކުރުން ހިމެނެއެވެ. މީގެ އިތުރުން އަހަރީ ރިޕޯޓުތައް ތައްޔާރުކުރުމާއި އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަކީ ވެސް އެ ކުންފުންޏަކުން ކުރަންޖެހޭނެ މަސައްކަތްތަކެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 14 ވާ އަންގާރަ ދުވަހުގެ މެންދުރު 11:30 އެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް މިނިސްޓްރީގެ ނަންބަރު 7660603 އަށް ގުޅުމަށް ނުވަތަ އީމެއިލް ކުރުމަށް ވަނީ އެދިފައެވެ.