މާލޭގެ ގެއެއްގެ ހަތަރުވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

breaking

މާލޭގެ ލޮނުޒިޔާރަތް މަގުގައި ހުންނަ އިމާރާތެއްގައި މިރޭ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި، އެމްއެންޑީއެފާއި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ގަލޮޅު ލިންޗްޕިން ފިހާރަ ކުރިމަތީގައި ހުންނަ ގ. ފުންފަޅު ގޭގެ ހަތަރުވަނަ ފަންގިފިލާގައެވެ.

އެމްއެންޑީއެފުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓް އެ ފަރާތަށް ލިބިފައިވަނީ މިރޭ 22:49 ހާއިރުއެވެ. ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. މި މަސައްކަތުގައި ސިފައިންގެ ގިނަ އަދަދެއްގެ ފަޔަރ ފައިޓަރުންނާއި، އަލިފާން ނިއްވާ އުޅަނދުތައް ދަނީ ބޭނުންކުރަމުންނެވެ. އަލިފާންގަނޑު އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށް ސިފައިން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ވެސް އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ފުލުހުން ވިދާޅުވި ގޮތުގައި ލޮނުޒިޔާރަތް މަގުގައި ހުރި އެ އިމާރާތުގައި ރޯވި އަލިފާން ކޮންޓްރޯލް ކުރުމަށާއި، އެ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމާއި ސަލާމަތީ ކަންކަން ކަށަވަރު ކުރުމުގައި ފުލުހުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަލިފާން ރޯވި ވަގުތު އެ ސަރަހައްދަށް ގިނަ އަދަދެއްގެ މީހުން އެއްވެފައިވާތީ، ސަލާމަތީ ސަބަބުތަކަށްޓަކައި އެ ސަރަހައްދުގެ ބައެއް މަގުތައް މިހާރު ވަނީ ބަންދުކޮށްފައެވެ. އަދި އާންމުން އެ ސަރަހައްދަށް އެއްނުވުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް އަދި މިހާތަނަށް ރަސްމީ އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ. އަދި އަލިފާން ރޯވާން ދިމާވި ސަބަބެއް ވެސް ކަމާބެހޭ އިދާރާތަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ. މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލު ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ