ރާއްޖޭގެ މިހާރުގެ އިޤްތިޞާދީ ޙާލަތު މެދުވެރިވީ ކުރީގެ އެމްޑީޕީ ސަރުކާރުން ގިނަ އަދަދަކަށް ފައިސާ ޗާޕުކުރުމުގެ ސަބަބުން ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ، ނިމިދިޔަ ސަރުކާރުން 8,000 މިލިއަން (8 ބިލިއަން) ރުފިޔާ ޗާޕުކޮށް ބާޒާރަށް ނެރުމުގެ ސަބަބުން ރުފިޔާގެ އަގު ނިކަމެތިވެ، ޑޮލަރުގެ އަގު އުފުލިގެން ދިޔަ ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ ޤާނޫނުއަސާސީގެ ބައެއް މާއްދާތައް ސަސްޕެންޑްކޮށްގެން، އެއްވެސް ދެފުށް ފެންނަ ގޮތެއް ނެތި ކަމަށްވެސް ވަޒީރު ތުހުމަތު ކުރެއްވިއެވެ. މިކަމުގެ ސަބަބުން އިޤްތިޞާދަށް ކުރާ ނޭދެވޭ އަސަރުތައް ވަރަށް ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ވޯލްޑް ބޭންކާއި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން އެކަން ނުކުރުމަށް އޭރު ތަކުރާރުކޮށް އިރުޝާދު ދެމުންދަނިކޮށްވެސް، އޭރުގެ ސަރުކާރުން ވަނީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން ފައިސާ ޗާޕުކޮށްފައި ކަމަށެވެ. އަދި އެމްޑީޕީގެ ތެރޭގައި އޭރު އޮތް ޑިމޮކްރެޓްސް ފެކްޝަނުގެ މެންބަރުންވެސް ފައިސާ ޗާޕުކުރުމާ ދެކޮޅަށް އަޑުއުފުލިކަން ވަޒީރު ހަނދާންކޮށްދެއްވިއެވެ. މި ސިޔާސަތުތަކުގެ ސަބަބުން ދައުލަތުގެ ޖުމްލަ ދަރަނި 120 ބިލިއަން ރުފިޔާއަށްވުރެ މަތިވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އެންމެ ފުރަތަމަ ނިންމެވި އެއް ނިންމެވުމަކީ ފައިސާ ޗާޕުކުރުން ހުއްޓާލުން ކަމަށް ސަޢީދު ވިދާޅުވިއެވެ. އިޤްތިޞާދު ހަމަ މަގަށް އެޅުވުމަށްޓަކައި މިހާރު މާލީ އިޞްލާޙީ ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ޒިންމާދާރުކަން ކުޑަ އަމަލުތައް ތަކުރާރު ނުކުރުން މުހިންމު ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޕީއެންސީ އިދިކޮޅުގައި އޮތްއިރުވެސް، ފައިސާ ޗާޕުކުރުމުން ކުރިމަތިވެދާނެ ނުރައްކާތަކާ ގޮތުން ތަކުރާރުކޮށް އިންޒާރު ދީފައިވާނެ ކަމަށާއި، މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކަކީ އޭރުގެ ނިންމުންތަކުގެ ނަތީޖާ ކަމަށް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.