ގ. ފުންފަޅުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި 58 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފި

ފުންފަޅު ގޭގައި އަލިފާނުގެ ހާދިސާ ހިނގި އެޕާޓުމަންޓަކަށް ގެއްލުންވެފައި
ފުންފަޅު ގޭގައި އަލިފާނުގެ ހާދިސާ ހިނގި އެޕާޓުމަންޓަކަށް ގެއްލުންވެފައި. ފޮޓޯ: އެމްއެންޑީއެފް

މާލޭގެ ގަލޮޅު އަވަށުގައި ހުންނަ ގ. ފުންފަޅުގޭގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު 58 މީހަކަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާގައި އެ އިމާރާތުގެ ބައެއް އެޕާޓްމަންޓްތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އެ ގޭގައި އަލިފާން ރޯވެގެން ރިޕޯޓުކޮށްފައިވަނީ ރޭ 10:49 ހާއިރުއެވެ. ސިފައިންގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ ރޭ 11:48 ހާއިރުއެވެ. މި ހާދިސާ ހިނގާފައިވަނީ އެ އިމާރާތުގެ ފަސްވަނަ ފަންގިފިލާގައެވެ. އަލިފާނުގެ ސަބަބުން އެ ފަންގިފިލާގެ އެޕާޓްމަންޓެއްގައި ހުރި ގިނަ ސާމާނުތަކެއް އަނދައި، ބޭނުންނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ.

އެންޑީއެމްއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ހާދިސާއާ ގުޅިގެން ގަލޮޅު މަދަރުސާގައި ގާއިމުކުރި އިވެކުއޭޝަން ސެންޓަރު މެދުވެރިކޮށް 24 ފިރިހެނުންނާއި، 30 އަންހެނުންގެ އިތުރުން ހަތަރު ކުޑަކުދިންނަށް ވަނީ އެހީތެރިކަން ދީފައެވެ. މީގެ ތެރޭގައި ދުމުގެ އަސަރުކޮށްގެން އައިޖީއެމްއެޗުން ފަރުވާ ހޯދި 25 މީހަކާއި، އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދި ތިން މީހަކު ހިމެނެއެވެ. ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ގިނަ މީހުން މިހާރު ވަނީ ދޫކޮށްލާފައެވެ.

މި ހާދިސާގެ ސަބަބުން ބައެއް އެޕާޓްމަންޓްތަކުގެ ފެންވައިރުގެ ނިޒާމަށް ގެއްލުންވެ، ފެން ކެނޑިފައިވާތީއާއި، އަލިފާން ރޯވި ފަންގިފިލާގައި ދިރިއުޅެން ދަތިވުމުގެ ސަބަބުން ބައެއް އާއިލާތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު އެންޑީއެމްއޭއިން ވަނީ ހަމަޖައްސައިދީފައެވެ. ނަމަވެސް، ވަގުތީ ބޯހިޔާވަހިކަން ދީފައިވަނީ ކިތައް މީހުންނަށް ކަމެއް އެ އިދާރާއިން ސީދާ ހާމައެއް ނުކުރެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުންނާއި ސިފައިން ގުޅިގެން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. މާލޭގައި މިފަދަ އަލިފާނުގެ ހާދިސާތައް ހިނގުން އިތުރުވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ