ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި، އެ ސަރަހައްދުން ދޫކޮށްފައިވާ އަމިއްލަ ގޯތިތަކުގައި ވިޔަފާރީގެ މުއާމަލާތްތައް ހިންގޭނެ ގޮތް ހެދުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރެއްވީ ހުޅުމާލޭގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަޝްރޫއު ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވި ގޮތުގައި ހުޅުމާލޭގެ ބެލެނިވެރި ފަރާތް ކަމަށްވާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އަތުގައި މިހާރު އެކަށީގެންވާ ވަރަށް ބިން ނެތެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހިން މާލޭގެ ރައްޔިތުންނަށް 2،000 އަށް ވުރެ ގިނަ ގޯތި ދޫކޮށްފައިވާކަން ފާހަގަކުރައްވައި، މުއްޠަލިބު ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ކޮންމެ ޚިދުމަތަކީ ހަމައެކަނި އެޗްޑީސީގެ ބިންތަކުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ވާން ނުޖެހޭ ކަމަށެވެ.
މިހާރު އޮންނަ އުސޫލުން ހުޅުމާލޭގެ ބިންތައް ބޭނުންކުރެވެނީ ހަމައެކަނި ދިރިއުޅުމުގެ ބޭނުމަށެވެ. ނަމަވެސް، އެ ބިންތަކުގައި ޕްރީ ސްކޫލްތަކާއި، ކްލިނިކްތަކުގެ އިތުރުން ޝޮޕިން ކޮމްޕްލެކްސް ފަދަ ވިޔަފާރިތައް ހިންގުމުގެ ފުރުސަތު ދިނުމުން، ބިންތަކުގެ ވެރިފަރާތްތަކަށް މާލީ ފައިދާ ލިބި، އާންމު ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ބަދަލުގެ ސަބަބުން އިގުތިޞާދީ ގޮތުން ކުރިއެރުންތަކެއް ލިބި، އާ ވަޒީފާތައް އުފެދިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. އެހެންކަމުން، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ލިބިފައިވާ ބިންތަކުން އެންމެ އެދެވޭ ނަތީޖާ ނެރެވޭނެ ގޮތްތަކެއް ހޯދައިދިނުން ކަމަށް މުއްޠަލިބު ފާހަގަކުރެއްވިއެވެ.