ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކޮށް، ލުއިފަސޭހަ ކޮށްދިނުމަށްޓަކައި ފުޅާކުރަންޖެހޭ ކޮންމެ މަގެއް މި ސަރުކާރުން ފުޅާކުރަމުންދާނެ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވަލަޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެންބަރުގެ ސުވާލުގައި ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ ސަބަބުން އަތޮޅުތެރެއިން މާލެއަށް މުދާ އުފުލާ ބޯޓުފަހަރަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާކަން ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން މުދަލުގެ އަގަށް ނޭދެވޭ އަސަރެއް ކޮށްފާނެތީ އެކަމާ ގުޅޭގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ސުވާލު ކުރެއްވިއެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މަގު ފުޅާވުމުގެ ސަބަބުން ހިނގާބިގާވެ އުޅޭ މީހުންނަށާއި، އުޅަނދުފަހަރަށް އަދި ވިޔަފާރިތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މީގެ ކުރީގެ ސަރުކާރުތަކުން މިފަދަ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދީފައި ނުވާކަން ފާހަގަކުރައްވައި، މި ސަރުކާރުން ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދީގެން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
މާލޭގެ އުތުރު ފަރާތުގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން، މާރުކޭޓު ސަރަހައްދުގެ މަސައްކަތް މިދިޔަ ރަމަޟާން މަހުގެ ކުރިން ވަނީ ނިންމާފައެވެ. މިހާރު ކުރިއަށްދަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް މަގު ތަރައްގީ ކުރުމުގެ މަސައްކަތެވެ.
މި މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީން ބުނެފައިވާ ގޮތުގައި، ފުރަތަމަ ފިޔަވަހީގެ ދަށުން ޝީޓް ޕައިލް ކުރުމުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފައެވެ. އަދި މަގުގެ ބައެއް ސެގްމެންޓްތަކުގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ނިމި، 7 ޖުލައި 2026 ގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފައެވެ.