ދައުލަތުގެ އިދާރީ ހިންގުމާއި ޚިދުމަތްތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޑިޖިޓަލް ކުރުމަށް ސަރުކާރުން ހުށަހެޅި "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން" ބިލާއި "ޑިޖިޓަލް އައިޑެންޓިޓީ" ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ބަލައިގެންފައެވެ.
މި ދެ ބިލު އިތުރަށް ދިރާސާ ކުރުމަށްޓަކައި މިހާރު ވަނީ މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީއަށް ފޮނުވާފައެވެ.
ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ ހުށަހެޅުއްވި ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލުގެ މައިގަނޑު މަގުސަދަކީ "ޑިޖިޓަލް ފަސްޓް" ސިޔާސަތެއްގެ ދަށުން ދައުލަތުގެ ހިންގުން ހަރުދަނާ ކުރުމެވެ. މި ބިލުގެ ދަށުން "މޯލްޑިވްސް ޑިޖިޓަލް ސާވިސް" ގެ ނަމުގައި ސަރުކާރުގެ އައު އިދާރާއެއް އުފެއްދުމަށް ވަނީ ހުށަހަޅާފައެވެ. މި އިދާރާގެ މައިގަނޑު މަސްއޫލިއްޔަތަކީ ޑިޖިޓަލް ގަވަނަންސްގެ ކަންކަން ވިލަރެސްކޮށް، ދައުލަތުގެ އިދާރާތަކުގެ މެދުގައި ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުން ހަރުދަނާ ކުރުމެވެ.
އަލިފުށީ ދާއިރާގެ މެންބަރު އަބްދުއްލަތީފް އަބްދުއްރަހްމާން ހުށަހެޅުއްވި ޑިޖިޓަލް އައިޑެންޓިޓީ ބިލަކީ އޮންލައިންކޮށް ކުރާ މުއާމަލާތްތަކުގައި މީހުންގެ އައިޑެންޓިޓީ ކަށަވަރު ކުރުމަށް ފަރުމާކޮށްފައިވާ ބިލެކެވެ. މި ބިލުގެ ދަށުން، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި ރާއްޖެއިން ބޭރުގައި ތިބޭ ދިވެހިންނަށްވެސް މި ނިޒާމުގެ ތެރެއިން ޚިދުމަތް ލިބޭނެއެވެ. އަދި ބިލު ގާނޫނަކަށްވާތާ 90 ދުވަހުގެ ތެރޭގައި "ޑިޖިޓަލް އައިޑެންޓިޓީ ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީ" އެއް އުފައްދަން ޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މި ބިލުގައި ޒާތީ މައުލޫމާތު ބޭނުންކުރުން މަނާ ހާލަތްތަކާއި، އައިޑެންޓިޓީ ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތައްވެސް ތަފްސީލުކޮށްފައިވެއެވެ. މި ދެ ބިލަކީ ރާއްޖޭގެ ޑިޖިޓަލް އިގްތިސާދާއި ގަވަނަންސް ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ. މި ބިލުތައް ފާސްވުމުން، އޮންލައިން ޚިދުމަތްތަކުގެ އިތުބާރު ބޮޑުވެ، ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތްތައް ލިބޭނެ މަގު ފަހިވެގެންދާނެއެވެ.