މާލޭގެ ހުޅަނގު ބަނދަރު ސަރަހައްދުގައި ހުންނަ ފުޑް ކޯޓުތަކުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީން ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް ހިންގައި، 27 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ހިންގި މި ރެއިޑް އޮޕަރޭޝަނަކީ އެ ސަރަހައްދުގައި ގިނަ އަދަދަކަށް ބިދޭސީން ގަވާއިދާ ހިލާފަށް ހަރަކާތްތެރިވާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި އޮޕަރޭޝަނުގައި ޖުމްލަ 88 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާއިރު، އޭގެ ތެރެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ ވިސާ ނެތި ނުވަތަ ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ މީހުންނެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރާއި އިމިގްރޭޝަން ގުޅިގެން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން މިހާތަނަށް ދެ ލައްކައަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކުރެވިފައެވެ. މި އޮޕަރޭޝަންގެ ތިންވަނަ ފިޔަވަހީގެ ދަށުން، ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ފަރާތްތަކާއި ސައްހަ ލިޔެކިޔުން ނެތް މީހުން ހޯދައި ޑީޕޯޓުކުރުމުގެ މަސައްކަތް ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ. މި ފިޔަވަހީގައި 2,895 މީހަކު ހޯދައި ޑީޕޯޓުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، އަންނަ އަހަރުން ފެށިގެން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ، އިތުރު ފުރުސަތެއް ނުދީ ވަގުތުން ރާއްޖެއިން ފޮނުވާލުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ވޯކް ޕާމިޓް ފީ ދެއްކުމުގައި ހުރި ދަތިތަކަށް ލުއިތަކެއް ދީ، ވިޔަފާރިވެރިންނަށް އެމީހުންގެ މުވައްޒަފުން ގަވާއިދުގެ ތެރޭގައި ގެންގުޅުމަށް ބާރުއެޅުމުގެ ގޮތުން ތަފާތު އިންތިޒާމުތަކެއް ވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.
މި މަސައްކަތަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކުރިއަށް އޮތް ހަ މަސް ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. މިއާއެކު ދިވެހި ވިޔަފާރިވެރިންނަށް އެ މީހުން ގެންގުޅޭ ބިދޭސީ މަސައްކަތްތެރިން ގަވާއިދުގެ ތެރޭގައި ބޭތިއްބުމަށް ހިތްވަރަކަށް ވެގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.