ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި އެމެރިކާ ބަލިކޮށް ބެލްޖިއަމް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ސިއެޓްލްގައި ކުޅުނު މި މެޗު ބެލްޖިއަމުން ކާމިޔާބުކުރީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މި މެޗުގައި ބެލްޖިއަމްގެ ޗާލްސް ޑި ކަޓަލާރޭ ވަނީ ދެ ލަނޑު ޖަހައި މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ ކުރީކޮޅު އޭނާ ޖެހި ލަނޑާއެކު ބެލްޖިއަމުން ލީޑު ނެގި ނަމަވެސް، އެމެރިކާގެ މަލިކް ޓިލްމަން ވަނީ ހިލޭ ޖެހުމަކުން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ނަމަވެސް، މާގިނަ އިރުތަކެއް ނުވެ ޑި ކަޓަލާރޭ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި އަލުން ބެލްޖިއަމަށް ކުރިހޯދައިދީފައެވެ.
މި މެޗުގެ އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނީ އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޮގަން އަށެވެ. ކުރީ މެޗުގައި ރަތް ކާޑު ދެއްކުމުން އޭނާއަށް ކުރި ސަސްޕެންޝަން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެދިވަޑައިގަތުމަކަށް ފީފާއިން ވަނީ އުވާލާފައެވެ. މި ނިންމުމާ ގުޅިގެން ފުޓްބޯޅަ ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން ފީފާއަށް އަމާޒުވިއެވެ.
ދެވަނަ ހާފުގައި އެމެރިކާގެ ކީޕަރު މެޓް ފްރީޒްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ހާންސް ވަނަކެން ވަނީ ބެލްޖިއަމްގެ ތިންވަނަ ލަނޑު ޖަހާފައެވެ. އަދި މެޗުގެ ފަހުކޮޅު ތަޖުރިބާކާރު ފޯވާޑް ރޮމެލޫ ލުކާކޫ ވަނީ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށް އެމެރިކާ މުބާރާތުން ބޭރުކޮށްލާފައެވެ. މެޗުގެ ތެރެއިން އެމެރިކާގެ އެންމެ މުހިންމު ކުޅުންތެރިޔާ ކްރިސްޓިއަން ޕުލިސިކަށް އަނިޔާވެގެން ބާލަން ޖެހުމަކީވެސް އެ ޓީމަށް ކުރިމަތިވި ބޮޑު ގެއްލުމެކެވެ.
މި ނަތީޖާއާއެކު މުބާރާތް ބާއްވާ ތިން ގައުމު ކަމަށްވާ އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ވަނީ ގަދަ 16 އާ ހަމައިން މުބާރާތުން ކަޓާފައެވެ. ކުއާޓާ ފައިނަލުގައި ބެލްޖިއަމް ބައްދަލުކުރާނީ ސްޕެއިނާއެވެ.