މުދައްރިސުންގެ މުސާރައިގެ އޮނިގަނޑުގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި، އެ އޮނިގަނޑު އަލުން ރިވިއުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، މުސާރައިގެ އޮނިގަނޑު އިސްލާހުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ސީދާ މުދައްރިސުންގެ މަޝްވަރާއާއި ލަފާގެ މަތިން ކަމަށެވެ. މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ މިހާރު އޮތް އޮނިގަނޑުގެ ސަބަބުން މުދައްރިސުންނަށް ދިމާވާ މާލީ ދަތިތަކާއި ކަންބޮޑުވުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މުދައްރިސުންގެ މުސާރައިގެ އޮނިގަނޑުގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި އެ އޮނިގަނޑު އަލުން ރިވިއުކުރުމުގެ މަސައްކަތް ފަށާނެކަމަށް ތައުލީމީ ވަޒީރު ވިދާޅުވެއްޖެއެވެ.https://t.co/vlufnc61lK pic.twitter.com/dLskXOdshE
— Masverin News (@MasverinNews) July 7, 2026
މި މައްސަލައާ ގުޅޭގޮތުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކީ، މާސްޓާސް ޑިގްރީ ހާސިލުކުރާ މުދައްރިސުންނަށް އެލަވެންސް ލިބުމުގައި ހަތަރު އަހަރުގެ މުއްދަތެއް ކަނޑައަޅާފައި އޮތުމާ ގުޅޭގޮތުންނެވެ. ވަޒީރު ވިދާޅުވީ، ކުރީގެ ސަރުކާރުން މި އޮނިގަނޑު އެކުލަވާލިއިރު ބައެއް ކަންކަމަށް ފުންކޮށް ވިސްނާފައި ނުވާ ކަމަށެވެ. އެގޮތުން، ޑިގްރީ ފެންވަރުގައި ސްޓެޕް ޕްރޮމޯޝަން ލިބިފައިވާ މުދައްރިސަކު މާސްޓާސް ފެންވަރަށް ބަދަލުވާއިރު، ބައެއް ހާލަތްތަކުގައި މުސާރަ ދަށްވާ މައްސަލަ ފާހަގަކުރެވިފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ޑރ. އިސްމާޢީލް ޝަފީޢު އިތުރަށް ވިދާޅުވީ، މުދައްރިސުންނަކީ ގައުމު ބިނާކުރުމުގެ އެންމެ މުހިންމު މަސައްކަތް ކުރައްވާ ބޭފުޅުން ކަމަށްވާތީ، އެ ބޭފުޅުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަކީ މި ސަރުކާރުގެ އިސްކަމެއް ކަމަށެވެ. އަދި މިހާރު ހުރި މައްސަލަތަކަށް ވަކި ބަޔަކު ކުށްވެރިކުރުމުގެ ބަދަލުގައި، ސަރުކާރުގެ އަމާޒަކީ އެކަންކަން ވީހާވެސް އަވަހަށް އިސްލާހުކޮށް މުދައްރިސުންނަށް އުފާވެރި މަސައްކަތުގެ މާހައުލެއް ގާއިމުކޮށްދިނުން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.