މަސްތުވާތަކެތީގެ ވަބާގެ ސަބަބުން ރާއްޖޭގެ އެތައް ޒުވާނުންނެއްގެ ގާބިލުކަން ބޭނުންނުކުރެވި ގެއްލިގެން ގޮސްފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ މިފަދައިން ވިދާޅުވީ، މަސްތުވާތަކެތި ތަހުލީލުކުރުމަށް ބޭނުންކުރާ 150 "ފީލްޑް ޓެސްޓިންގ ކިޓް" ފުލުހުންނާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ފުލުހުންނާ ހަވާލުކުރި މި ކިޓްތަކަކީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ބިއުރޯ އޮފް އިންޓަނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒް (އައިއެންއެލް) ގެ އެހީގައި، ޔޫއެންއޯޑީސީ މެދުވެރިކޮށް ފޯރުކޮށްދީފައިވާ ތަކެއްޗެވެ. ގާތްގަނޑަކަށް 24,000 އެމެރިކާ ޑޮލަރުގެ އަގުހުރި މި ވަސީލަތްތަކަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުގައި ބޭނުންކުރާނެ މުހިންމު އާލާތްތަކެކެވެ.
ކޮމިޝަނަރ ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއަކީ ރާއްޖެއަށް ފާއިތުވި އެތައް އަހަރެއްގައި ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ. މީގެ ނޭދެވޭ އަސަރު ޖީލުތަކަކަށް ދެމިގެންގޮސް، ގައުމުގެ މުސްތަގުބަލު ކަމަށްވާ ޒުވާނުންގެ ހަކަތައާއި ގާބިލުކަން ގެއްލިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަކީ ފުލުހުންގެ މުއައްސަސާގެ އެންމެ އިސް އެއް އަމާޒު ކަމުގައި ވިދާޅުވިއެވެ.
މި ކިޓްތަކުގެ އެހީގައި އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ ފުލުހުންނަށް، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ބާވަތްތައް ވަގުތުން ދެނެގަނެވޭނެއެވެ. މީގެ ސަބަބުން ތަހުގީގުތައް އަވަސްވެ، މައްސަލައިގެ ކުރީކޮޅު ބޭނުންވާ ހެކިތައް ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށް ފުލުހުން ބުނެއެވެ. މިއީ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން 2024-2028 ގައި ހިމެނޭ، ސައިންސާއި ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ ލަނޑުދަނޑި ހާސިލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މަސްތުވާތަކެތީގެ ވިއުގަތައް ރޫޅާލުމަށް ބައިނަލްއަގުވާމީ ގުޅުންތަކާއި، ތަމްރީނުވެފައިވާ އޮފިސަރުންގެ އިތުރުން ޒަމާނީ ވަސީލަތްތަކުގެ ބޭނުންތެރިކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބައިނަލްއަގުވާމީ ފަރާތްތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމުގެ ޔަގީންކަންވެސް ސީޕީ ވަނީ ދެއްވާފައެވެ.