ގ. ފުންފަޅުގޭގެ އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް މިހާތަނަށް ހަރަދުވީ 95,000 ރުފިޔާ

ފުންފަޅު ގޭގައި އަލިފާނުގެ ހާދިސާ ހިނގި އެޕާޓުމަންޓަކަށް ގެއްލުންވެފައި
ފުންފަޅު ގޭގައި އަލިފާނުގެ ހާދިސާ ހިނގި އެޕާޓުމަންޓަކަށް ގެއްލުންވެފައި. ފޮޓޯ: އެމްއެންޑީއެފް

މާލޭގެ ގ. ފުންފަޅުގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާތަނަށް 95,000 އަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.

މި ހާދިސާގައި ޖުމްލަ 109 މީހަކަށް އެކި މިންވަރުގެ އަސަރުކޮށްފައިވާ ކަމަށް އެންޑީއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ ތެރެއިން އެ އިމާރާތުގެ ހަތަރުވަނަ ފަންގިފިލާގެ 22 އެޕާޓްމަންޓެއްގައި ދިރިއުޅޭ 93 މީހަކަށް ދެ ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައެވެ. އަދި އަލިފާން ރޯވި ފަސްވަނަ ފަންގިފިލާގެ ތިން އެޕާޓްމަންޓެއް ކަމަށްވާ 5އޭ، 5ބީ އަދި 5ސީ ގައި ދިރިއުޅޭ 16 މީހަކަށް ފަސް ދުވަހުގެ މުއްދަތަށް ބޯހިޔާވަހިކަމާއި ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން ގިނަ ބަޔަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނެވެ. އެގޮތުން އައިޖީއެމްއެޗްގައި 25 މީހަކަށް ފަރުވާ ދީފައިވާއިރު، އޭޑީކޭ ހޮސްޕިޓަލުން ތިން މީހަކު ވަނީ ފަރުވާ ހޯދާފައެވެ. މި ހާދިސާ ހިނގި ވަގުތުން ފެށިގެން ކަމާބެހޭ ފަރާތްތަކުން ވަނީ ހާލުގައި ޖެހުނު ފަރާތްތަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވެފައެވެ. އެންޑީއެމްއޭއިން ބުނީ މިހާތަނަށް ކުރި ހަރަދުތަކަކީ ހާލުގައި ޖެހުނު މީހުންގެ ވަގުތީ ބޭނުންތަކަށް ކުރެވުނު ހަރަދުތަކެއް ކަމަށެވެ.

އެންޑީއެމްއޭއިން މިހާރު ދަނީ މި ހާދިސާގައި ލިބުނު މާލީ އަދި މާއްދީ ގެއްލުންތައް ދެނެގަތުމަށްޓަކައި ހަދަންޖެހޭ އެސެސްމަންޓްތައް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. މި އެސެސްމަންޓްތަކަށް ފަހު، އިތުރަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާ މެދު ގޮތްތަކެއް ނިންމާނެ ކަމަށް ބެލެވެއެވެ. މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހިނގި މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ 22:49 ހާއިރުއެވެ. ފުލުހުން ގެންދަނީ މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ