ރާއްޖޭގެ ރަށްރަށުގައި ކުނި މެނޭޖްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި 28 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމުކޮށް ނިންމާފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ވުޒާރާގެ ވޭސްޓް މެނޭޖްމަންޓް ޑިޕާޓުމެންޓުގެ ޑިރެކްޓަރ ޖެނެރަލް އަޙުމަދު މުރުތަޟާ ވިދާޅުވީ، ރާއްޖޭގައި އުފައްދާ ކުނީގެ މިންވަރު އަހަރަކު ނުވަ އިންސައްތަ އިތުރުވަމުންދާ ކަމަށެވެ. މިހާރު ރާއްޖޭގައި އަހަރަކު ގާތްގަނޑަކަށް 517،000 ޓަނުގެ ކުނި އުފައްދާއިރު، މީގެ ތެރެއިން އެންމެ ގިނަ ކުނި އުފައްދަނީ ރިސޯޓުތަކުންނެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރިސޯޓުތަކުގައި ބޮލަކަށް 3.5 ކިލޯގެ ކުނި އުފެދޭއިރު، މިއީ އާދައިގެ ރަށްރަށާ އަޅާބަލާއިރު ދެގުނަ އިތުރު މިންވަރެކެވެ.
ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި 82 ރަށަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދީ، 92 ރަށަކަށް ކުނި އުފުލާ ވެހިކަލް ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުން ހަ ރަށެއްގައި ކާދު ހަދާ ޓެކްނޮލޮޖީ ގާއިމުކޮށްފައިވާކަންވެސް މިނިސްޓްރީން ފާހަގަކުރިއެވެ. މި މަސައްކަތްތަކަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ އެންމެ ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތްތަކެއް ކަމަށް މުރުތަޟާ ވިދާޅުވިއެވެ.
ސަރަހައްދީ ފެންވަރުގައި ކުނި މެނޭޖްކުރުމަށްޓަކައި ރ. ވަންދޫގައި ހުރި މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެތަނުން ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް ހިމެނޭ ރަށްތަކަށް ހިދުމަތް ދެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ނުރައްކާތެރި ކުނި ނައްތާލުމުގެ ނިޒާމެއް ގާއިމުކުރުމާއި، ކަނޑުމަގުން ކުނި އުފުލުމަށް ލޭންޑިންގ ކްރާފްޓް ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
ސަރުކާރުގެ އަމާޒަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް އެ ރަށަކާ އެކަށޭނެ ކުނި މެނޭޖްކުރާ ނިޒާމެއް ފޯރުކޮށްދިނުމެވެ. މިކަމަށްޓަކައި ގާނޫނީ އޮނިގަނޑެއް އެކުލަވާލައި، ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމާއި އެކްސްޓެންޑެޑް ޕްރޮޑިއުސަރ ރެސްޕޮންސިބިލިޓީ (އީޕީއާރު) އާ ގުޅޭ ގަވާއިދުތައް މިހާރު ވަނީ ތަންފީޒުކުރަން ފަށާފައެވެ.