އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ ސައީދު އައްޔަންކުރަން މަޖިލީހަށް ފޮނުވައިފި

ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު. ފޮޓޯ: ޕީއެސްއެމް
ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު. ފޮޓޯ: ޕީއެސްއެމް

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ބެލްޖިއަމަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމުގެ މަގާމަށް، ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވަވާފައެވެ. އެ ސިޓީފުޅުގައި ރައީސް ބަޔާންކުރައްވާފައިވަނީ، ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، ބެލްޖިއަމަށާއި އީޔޫއަށް ކަނޑައަޅުއްވާ ސަފީރުކަމަށް ދިޔާނާގެ ނަން ހުށަހަޅުއްވާ ކަމަށެވެ.

މި ހުށަހެޅުމާ ގުޅިގެން، ދިޔާނާގެ ނަންފުޅު ދިރާސާކޮށް ގޮތެއް ނިންމުމަށްޓަކައި މަޖިލީހުގެ ރިޔާސަތުން ވަނީ އެ މައްސަލަ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ފޮނުވާފައެވެ. ސަފީރުކަމުގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން، ދިޔާނާ މިހާރު ހުންނެވީ މިދިޔަ އޭޕްރިލް މަހުން ފެށިގެން އެމްބެސެޑާ އެޓް ލާޖްގެ މަގާމުގައެވެ.

ދިޔާނާ ސައީދަކީ ދައުލަތުގެ މަތީ މަގާމުތަކެއް ކުރިންވެސް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ފުރަތަމަ ބަންޑާރަނައިބުގެ މަގާމާއި، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ޖެންޑާ މިނިސްޓަރުކަން އޭނާ ކުރެއްވިއެވެ. މީގެއިތުރުން ބައިނަލްއަގުވާމީ ދާއިރާއިންވެސް އޭނާ ވަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފައެވެ.

ސަރުކާރުން ބޭރުގެ ގައުމުތަކަށް ކަނޑައަޅާ ސަފީރުން އައްޔަންކުރުމުގައި، މަޖިލީހުގެ ކޮމިޓީން އެ ބޭފުޅެއްގެ ގާބިލުކަމާއި ތައުލީމީ ފެންވަރަށް ބަލައި ދިރާސާކުރުމަށްފަހު، ތަޅުމުން ރުހުން ދިނުމާމެދު ގޮތެއް ނިންމަން ޖެހެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ