ހޯލްސޭލްކޮށް ވިއްކާ ޕްލާސްޓިކް ކޮތަޅުން ލެވީ ނުނަގާ ގޮތަށް ގާނޫނަށް ބަދަލު ގެންނަނީ

ޕްލާސްޓިކް ކޮތަޅުން ނަގާ ލެވީއަށް ބަދަލު ގެންނަނީ. ފޮޓޯ: ޕީއެސްއެމް
ޕްލާސްޓިކް ކޮތަޅުން ނަގާ ލެވީއަށް ބަދަލު ގެންނަނީ. ފޮޓޯ: ޕީއެސްއެމް

ހޯލްސޭލްކޮށް ވިއްކާ ޕްލާސްޓިކް ކޮތަޅު ބޮނޑިތަކުން ދެ ރުފިޔާގެ ލެވީ ނުނަގާ ގޮތަށް ކުނި މެނޭޖުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ނިންމައިފިއެވެ.

މި ބަދަލު ގެންނަން ނިންމީ ކޮތަޅުން ދެ ފަހަރު ލެވީ ނެގޭ މައްސަލައަށް ހައްލެއް ހޯދުމަށެވެ.

ތިމާވެއްޓާއި މޫސުމީ ބަދަލުތަކާއި ހަކަތައާއި ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަށުން ހޯލްސޭލްކޮށް ކޮތަޅު ގަންނައިރުވެސް އަދި ފިހާރަތަކުން ރީޓެއިލްކޮށް މުދާ ގަންނައިރުވެސް ލެވީ ނަގަމުންދެއެވެ. މީގެ ސަބަބުން އާންމު ރައްޔިތުންނަށް އުފުލަންޖެހޭ މާލީ ބުރަ ބޮޑުވެފައިވާކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ވުޒާރާގެ ކުންޏާ ބެހޭ ބައިގެ ޑިރެކްޓަރު އަހްމަދު މުރުތަޟާ ވިދާޅުވީ، ގާނޫނަށް ގެންނަ ބަދަލާއެކު ހޯލްސޭލް ފިހާރަތަކުން ވިއްކާ ކޮތަޅު ބޮނޑިން ދެ ރުފިޔާ ނުނަގާނެ ކަމަށެވެ. މީގެ ސަބަބުން ކޮތަޅުގެ އަގަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.

މި ބަދަލު ގެނައުމަށްޓަކައި ކުނި މެނޭޖުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ފުރަތަމަ ކިޔުން އިއްވާފައެވެ. އެ ބިލުގައިވާ ގޮތުން 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ބޮނޑިތަކުން ލެވީ ނެގުން އިސްތިސްނާވާނެއެވެ.

ކޮތަޅުގެ ލެވީގެ އިތުރުން، ކުނި މެނޭޖުކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި އެއް ރަށުން އަނެއް ރަށަށް ކުނި އުފުލުމާ ގުޅޭ އުސޫލުތަކަށްވެސް ބަދަލު ގެނައުމަށް ވަނީ ނިންމާފައެވެ. މިހާރު ގާނޫނު އޮތްގޮތުން މީހުން ދިރިއުޅޭ ރަށްރަށަށް އެހެން ރަށްރަށުން ކުނި ގެންދިއުމުގައި ހުރަސްތަކެއް ހުރި ނަމަވެސް، އާ އިސްލާހާއެކު ކުނި އުފުލޭނެ ހާލަތްތަކާއި އަމަލުކުރަންޖެހޭ ތަފްސީލީ އުސޫލުތައް ކަނޑައެޅިގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ