އެއްވެސް މަގުބޫލު ސަބަބެއް ނެތި ދަރިވަރުން ސްކޫލަށް ހާޒިރުނުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެފަދަ ކަންކަމަށް މިނިސްޓްރީން ފިޔަވަޅު އަޅާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިދިޔަ ޖޫން މަހުން ފެށިގެން ސްކޫލުތަކުގެ ހާޒިރީ ކޮންމެ ދުވަހަކު މިނިސްޓްރީއާ ހިއްސާކުރަން ޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. މި ބަދަލާއެކު، ގިނަ އަދަދެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުނުވާކަން ކުރިއަށްވުރެ ބޮޑަށް ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މި ދުވަސްވަރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕާ ދިމާކޮށް، ގާތްގަނޑަކަށް 8،000 އެއްހާ ދަރިވަރުން ގަވައިދުން ސްކޫލަށް ހާޒިރުނުވެއެވެ. ޚާއްސަކޮށް މާލެ ސަރަހައްދުގެ ބައެއް ސްކޫލުތަކުން 40 އިންސައްތަ ދަރިވަރުން ހާޒިރުނުވާކަން މިނިސްޓަރު ކަންބޮޑުވުމާއެކު ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން ގައުމުގެ ތަރައްގީއަށާއި ދަރިވަރުންގެ އުނގެނުމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މި މައްސަލައިގައި އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް ސްކޫލުތަކުގެ ޕްރިންސިޕަލުންނަށް މިހާރު އަންގާފައިވާ ކަމަށް ވެސް ޝަފީޢު ވިދާޅުވިއެވެ. ނަމަވެސް، އަޅާނީ ސީދާ ކޮން ފިޔަވަޅުތަކެއް ކަމެއް މިނިސްޓަރު މިއަދު ހާމައެއް ނުކުރައްވައެވެ.
ދަރިވަރުން ސްކޫލަށް ނުދާ ކޮންމެ ދުވަހަކީ އެ ކުދިންގެ އުނގެނުމަށް ލިބޭ އުނިކަމެއްކަން ފާހަގަކުރައްވައި، ބެލެނިވެރިންނާއި މުދައްރިސުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ. އަދި ތަކުރާރުކޮށް ސްކޫލަށް ނުދާނަމަ، ކުދިން ކިޔެވުމަށް ފޫހިވުމުގެ ފުރުސަތު އޮތްކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.