މަދުރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުންނާމެދު އެމްޑީޕީގެ ދެ ސަރުކާރުގައިވެސް އަމަލުކޮށްފައިވަނީ ރެފިއުޖީންގެ ގޮތުގައި ކަމަށް ތައުލީމާއި މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އަރަބިއްޔާ ހިންގި ބިން އަތުލައި، ދަރިވަރުން އެކި ތަންތަނަށް ބަދަލުކުރި ކަމަށެވެ. އަދި ނިމިދިޔަ އެމްޑީޕީގެ ދެވަނަ ސަރުކާރުގައިވެސް އެ ސްކޫލުގެ އިމާރާތުން ކުދިން ނުކުންނަން މަޖުބޫރުވެ، ސައުދީ އެމްބަސީ ހުރި އިމާރާތާއި ދަރުމަވަންތަ ސްކޫލް ކުރިން ހިންގި ވަގުތީ އިމާރާތް ފަދަ ތަންތަނުގައި ކިޔަވައިދޭން ޖެހުމަކީ ދަރިވަރުން ރެފިއުޖީންގެ ގޮތުގައި ގެންގުޅުން ފަދަ ކަމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.
މީގެ އިތުރުން، އަރަބިއްޔާގެ އައު އިމާރާތުގެ މަސައްކަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ. ޝަފީއު ވިދާޅުވީ، މިހާރު ކުރިއަށްދާ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. އަންނަ ނޮވެންބަރު މަހުގެ ނިޔަލަށް އައު އިމާރާތުގެ ހުރިހާ މަސައްކަތެއް ނިންމާލެވޭނެ ކަމަށާއި، އަންނަ ދިރާސީ އަހަރު ފެށޭއިރު ދަރިވަރުންނަށް އެ އިމާރާތުގައި ކިޔަވައިދޭން ފެށޭނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ކުރީ ސަރުކާރުން އަރަބިއްޔާ އެޅުމަށް ކަނޑައަޅާފައި އޮތް ބާ ޖަމާލުއްދީން ބިމުގެ ބަދަލުގައި، އެއަށްވުރެ ޖާގަ ތަނަވަސް 386 ނަންބަރު ކޮށީގައި ސްކޫލް އެޅުމަށް ނިންމަވައި އެ މަސައްކަތް ވަނީ ފަށްޓަވައިދެއްވާފައެވެ. މިއީ އަރަބި އިސްލާމީ ތައުލީމަށް މި ސަރުކާރުން ދޭ އަހައްމިއްޔަތުކަން ހާމަވާ ކަމެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.