އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމާ ގުޅޭގޮތުން އދ. އިން އިސްނަގައިގެން ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ ބައްދަލުވުން ކަމަށްވާ "ޔޫއެން ގްލޯބަލް ޑައިލޮގް އޮން އާޓިފިޝަލް އިންޓެލިޖެންސް ގަވަރނަންސް" ގައި ދިވެހިރާއްޖޭން ބައިވެރިވެއްޖެއެވެ.
ސްވިޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ މި ސަމިޓަކީ އޭއައިގެ ދާއިރާއިން ބައިނަލްއަގުވާމީ ސިޔާސަތުތައް ކަނޑައެޅުމުގައި ރާއްޖެއިން ބައިވެރިވި ފުރަތަމަ ބޮޑު ހަރަކާތެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ މަތީ ފެންވަރުގެ ވަފުދު ލީޑުކުރައްވަނީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.
މި ވަފުދުގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޢައްބާސް ޝަރީފްގެ އިތުރުން، ޖެނީވާގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގެ މަންދޫބުންނާއި ޕީޖީ އޮފީހުގެ ފަންނީ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. މި ޑައިލޮގްގެ މައިގަނޑު މަގްސަދަކީ ދުނިޔޭގެ ހުރިހާ ގައުމުތަކެއް ޝާމިލުވާނޭހެން، ހާމަކަން ބޮޑު އަދި ޒިންމާދާރު ގޮތެއްގައި އޭއައި ބޭނުންކުރެވޭނެ ގަވަރނަންސް ނިޒާމެއް ބިނާކުރުމަށް މަގުފަހިކުރުމެވެ.
މި ބައްދަލުވުމުގައި ދުނިޔޭގެ ލީޑަރުންނާއި ޓެކްނޮލޮޖީ މާހިރުން މަޝްވަރާކުރައްވަނީ އިންސާނީ ހައްގުތަކަށާއި ގައުމީ ސަލާމަތަށް ނުރައްކާނުވާނެހެން އޭއައި މެނޭޖްކުރާނެ އުސޫލުތަކާ ގުޅޭގޮތުންނެވެ. މީގެ އިތުރުން، އޭއައިގެ ވަސީލަތްތައް ބޭނުންކުރުމުގައި ގެންގުޅެންޖެހޭ އަޚްލާޤީ މިންގަނޑުތަކާ ބެހޭގޮތުން ވެސް ޚިޔާލު ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ސަމިޓުން ލިބޭ މަޢުލޫމާތާއި ތަޖުރިބާގެ އަލީގައި، ރާއްޖޭގެ ދާޚިލީ ސަލާމަތާއި، ޖިނާއީ ތަހުގީގުތަކުގެ އިތުރުން ޝަރުއީ ދާއިރާގައި އޭއައި ޓެކްނޮލޮޖީ ރައްކާތެރިކަމާއެކު ބޭނުންކުރެވޭނެ ގައުމީ އޮނިގަނޑެއް އެކުލަވާލުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.