ހދ. އަތޮޅުގެ ހުރިހާ ކައުންސިލްތަކެއް ގުޅިގެން އެ އަތޮޅުގެ ތަރައްގީއަށް މަސައްކަތް ކުރުމަށްޓަކައި "އަތޮޅު ބޯޑެއް" އުފެއްދުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފާއި ހދ. އަތޮޅުގެ ރަށްތަކުގެ ކައުންސިލް ރައީސުން ބޭއްވި ބައްދަލުވުމެއްގައި ވަނީ އަތޮޅުގެ ކުރިއެރުމަށް ގުޅިގެން މަސައްކަތް ކުރާނެ އުސޫލުތަކެއް ކަނޑައަޅައި ބޯޑެއް އެކުލަވާލުމަށް ނިންމާފައެވެ. ނަމަވެސް އެލްޖީއޭއިން މޭޔަރު އާތިފަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު މުޅި އިދާރީ ދާއިރާގެ ތަރައްގީގެ ކަންކަން ބެލެހެއްޓުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން އެ އޮތޯރިޓީގެ މަސްއޫލިއްޔަތެއް ކަމަށެވެ.
އެލްޖީއޭއިން ހާމަކުރި ގޮތުގައި، އަތޮޅުގެ ރަށްތައް ގުޅިގެން ވަކި ބޯޑެއް ހެދުމަކީ ގާނޫނުގެ މަފުހޫމާ ފުށުއަރާ ކަމެކެވެ. އެހެންކަމުން އެ މަސައްކަތް ހުއްޓާލުމަށް އަންގައި، އެފަދަ ބޯޑެއް އުފެއްދުމަށް ނިންމި ގާނޫނީ އަސާސަކީ ކޮބައިކަން ސާފުކޮށްދިނުމަށް ވެސް އެލްޖީއޭއިން ވަނީ އެދިފައެވެ.
މިކަމާ ގުޅިގެން މޭޔަރު އާތިފް ވިދާޅުވީ، ކައުންސިލްތަކުން މަސައްކަތް ކުރަނީ އެލްޖީއޭގެ ދައުރު އަދާކުރަން ނޫން ކަމަށާއި، އެއީ އަތޮޅުގެ ތަރައްގީއަށް ކައުންސިލްތައް ގުޅިގެން ނަތީޖާ ނެރުމަށް ކުރާ ކަމެއް ކަމަށެވެ. އަދި ކައުންސިލްތަކުގެ މަސައްކަތް ވަޒަންކުރާއިރު ގުޅިގެން މަސައްކަތް ކުރުމަށް އެލްޖީއޭއިން ބާރުއަޅާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިއީ ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތެއް ކަމަށާއި، ބިރުދެއްކުމުގެ ސަބަބުން މި މަސައްކަތް ހުއްޓާނުލާނެ ކަމަށް ވެސް މޭޔަރު ވަނީ ވިދާޅުވެފައެވެ.