ފަހަތުން އަރައި މިސްރު ބަލިކޮށް އާޖެންޓީނާ ކުއާޓާ ފައިނަލަށް

ވޯލްޑް ކަޕުގައި މިސްރު ކޮޅަށް ލަނޑު ޖެހުމަށްފަހު އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އުފާފާޅުކުރަނީ. ފޮޓޯ: ރޮއިޓަރސް
ވޯލްޑް ކަޕުގައި މިސްރު ކޮޅަށް ލަނޑު ޖެހުމަށްފަހު އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އުފާފާޅުކުރަނީ. ފޮޓޯ: ރޮއިޓަރސް

ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގެ ބުރުގައި މިސްރާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

މެޗުގެ ބޮޑު ބައިގައި މިސްރުން ދެ ލަނޑުގެ ލީޑެއްގައި އޮތް ނަމަވެސް، އާޖެންޓީނާއިން ވަނީ ފަހު ވަގުތު ކުޅުން ރަނގަޅުކޮށް މެޗުގެ ނަތީޖާ އަނބުރާލާފައެވެ.

މެޗުގެ ކުރީކޮޅު މިސްރުން ވަނީ ވަރުގަދަ ކުޅުމެއް ދައްކައި އާޖެންޓީނާ ސިއްސުވާލާފައެވެ. އެގޮތުން ޔާސިރު އިބްރާހިމް އާއި މުސަތަފާ ޒީކޯ ޖަހައިދިން ލަނޑުތަކުން މިސްރުން ދެ ލަނޑުގެ ލީޑެއް ހޯދިއެވެ. މެޗުގެ ކުރީކޮޅު އާޖެންޓީނާއަށް ލިބުނު ޕެނަލްޓީއެއް ކެޕްޓަން ލިއޮނެލް މެސީ ފޮނުވާލި ނަމަވެސް، މިސްރުގެ ކީޕަރު މުސްތަފާ ޝުބައިރު ވަނީ އެ ބޯޅަ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މިއީ މިފަހަރުގެ މުބާރާތުގައި މެސީ އަތުން ނާކާމިޔާބުވި ދެވަނަ ޕެނަލްޓީއެވެ.

އާޖެންޓީނާއިން މެޗުގެ ނަތީޖާ ބަދަލުކޮށްލީ ފަހު 11 މިނެޓުގެ ތެރޭގައެވެ. މެސީ ނަގައިދިން ހުރަހަކުން ކްރިސްޓިއަން ރޮމޭރޯ އާޖެންޓީނާގެ ފުރަތަމަ ލަނޑު ޖަހައިދިންއިރު، އޭގެ ކުޑަވަގުތުކޮޅެއް ފަހުން މެސީ ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދީފައެވެ. އާޖެންޓީނާ މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ އެންޒޯ ފެނާންޑޭޒްއެވެ. މި ލަނޑަކީ ލައުޓާރޯ މާޓިނޭޒް ނަގައިދިން ހުރަހަކުން ބޮލުން ޖެހި ލަނޑެކެވެ.

މި މެޗުގައި ޖެހި ލަނޑާއެކު އުމުރުން 39 އަހަރުގެ މެސީ ވަނީ ވޯލްޑް ކަޕްގައި އައު ރިކޯޑެއް ގާއިމުކޮށްފައެވެ. އެއީ ވޯލްޑް ކަޕްގެ ޖެހިޖެހިގެން ނުވަ މެޗުގައި ލަނޑު ޖެހުމުގެ ރިކޯޑެވެ. މި މުބާރާތުގައި މިހާތަނަށް އަށް ލަނޑު ޖަހާފައިވާ މެސީ މިހާރު އޮތީ ރަން ބޫޓުގެ ރޭހުގެ ކުރީގައެވެ. އޭނާ ވޯލްޑް ކަޕްގައި ޖެހި ޖުމްލަ ލަނޑުގެ އަދަދު މިހާރު ވަނީ 21 އަށް އަރާފައެވެ.

ކުއާޓާ ފައިނަލުގައި އާޖެންޓީނާ ބައްދަލުކުރާނީ ކޮލަމްބިއާ ނުވަތަ ސްވިޒަލެންޑްގެ ތެރެއިން މޮޅުވާ ޓީމަކާއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ކެންސަސް ސިޓީގައި އަންނަ އާދީއްތަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ