ތިލަމާލެ ބްރިޖް މަޝްރޫއުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ

މިނިސްޓަރު އަބްދުﷲ މުއްތަލިބު: ތިލަމާލެ ބްރިޖް މަޝްރޫއުގެ 75 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް މިނިސްޓްރީން ބުނޭ
މިނިސްޓަރު އަބްދުﷲ މުއްތަލިބު ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވަނީ. ފޮޓޯ: މިނިސްޓްރީ

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭ ތިލަމާލެ ބްރިޖް މަޝްރޫއުގެ 75 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އިން މިއަދު ހާމަކޮށްފިއެވެ.

ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި ބޮޑު މަޝްރޫއަކީ މާލެ ސަރަހައްދުގެ ދަތުރުފަތުރަށް އިންގިލާބީ ބަދަލެއް ގެނުވާނެ މަސައްކަތެކެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، މި ވަގުތު ސައިޓުގައި އެންމެ ބާރަށް ކުރިއަށްދަނީ ބްރިޖްގެ ޑެކަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމާއި އެ ތަކެތި އިންސްޓޯލްކުރުމުގެ މަސައްކަތެވެ. ބްރިޖް ޑެކަށް ބޭނުންވާ ޖުމްލަ 1,222 ސެގްމަންޓްގެ ތެރެއިން 90.4 އިންސައްތަ ސެގްމަންޓް މިހާރު ވަނީ ކާސްޓްކޮށް ނިންމާފައެވެ. އަދި އޭގެ ތެރެއިން 72.9 އިންސައްތަ ސެގްމަންޓް މިހާރު ވަނީ ބްރިޖްގައި ހަރުކޮށް ނިންމާފައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން ގުޅިފަޅާއި ތިލަފުށީގައި ވެސް މުހިންމު މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން ގުޅިފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، ތިލަފުށީގައި ކުރިއަށްދަނީ ބްރިޖާ ގުޅިގެން ޖަހަންޖެހޭ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ. ޖުމްލަ ހަތް ކިލޯމީޓަރެއްހައި ދިގުމިނަށް ދެމިގެންދާ މި ބްރިޖުގައި ކޮޅަކަށް ދެ ލޭނު ހުންނާނެއެވެ.

މި މަޝްރޫއުގެ މަސައްކަތުގެ ފެންވަރާ ގުޅޭގޮތުން ޕްރޮޖެކްޓް މެނޭޖަރު އެސްއެމް ވިސްވަމުރްތީ މީގެ ކުރިން ވިދާޅުވެފައިވަނީ، ބްރިޖްގެ މަސައްކަތް ކުރަނީ އެންމެ މަތީ ފެންވަރުގައި ކަމަށެވެ. އަދި މާލެއާއި ވިލިމާލެއާ ދެމެދު އޮންނަ ސެގްމަންޓްތަކުގެ މަސައްކަތް އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ވެސް އޭނާ ވަނީ ލަފާކުރައްވާފައެވެ. މި ބްރިޖަކީ އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ