ހުޅުމާލެ ޖަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި އަލަށް ތަރައްގީކުރި ހަ ވަނަ ޔުނިޓުގެ ހަތަރު ސެލް ބްލޮކް، މި ހަފުތާގެ ތެރޭގައި ހުޅުވާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހާމަކޮށްފިއެވެ.
މި ބްލޮކްތަކަކީ ކުރިން ކޮވިޑް ފެސިލިޓީ ހުރި ބިމުގައި އަލަށް ބިނާކުރި ދެ ފަންގިފިލާގެ އިމާރާތުގައި ގާއިމުކޮށްފައިވާ ތަންތަނެވެ. ކަރެކްޝަންސްއިން މައުލޫމާތު ދޭ ގޮތުގައި، މި ޔުނިޓް ހާއްސަކޮށްފައިވަނީ ހުކުމް ތަންފީޛު ކުރަމުންދާ ގައިދީންގެ ތެރެއިން މާލެ ސަރަހައްދުގައި ފަންނީ މަސައްކަތްތަކުގައި އުޅޭ މީހުން ބޭތިއްބުމަށެވެ. މީގެ އިތުރުން، ކޯޓުތަކަށާއި މެޑިކަލް ފަރުވާއަށް މާލެ ގެންނަންޖެހޭ ގައިދީން ބޭތިއްބުމަށް ވެސް މިތަން ބޭނުންކުރާނެއެވެ.
ހުޅުމާލެ ޖަލުގެ ހަ ވަނަ ޔުނިޓުގައި ޖުމްލަ ފަސް ބްލޮކް ހިމެނޭއިރު، އޭގެ ތެރެއިން 16 މީހުންގެ ޖާގަ ހިމެނޭ ފުރަތަމަ ބްލޮކް ވަނީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހު ހުޅުވާފައެވެ. މި ހަފުތާގައި އަލަށް ހުޅުވާ ހަތަރު ބްލޮކާއެކު، ޖުމްލަ 48 ޖާގަ ޖަލަށް އިތުރުވެގެންދާނެއެވެ. މި މަޝްރޫޢު އެއްކޮށް ނިމުމުން ޖުމްލަ 140 ޖާގަ އިތުރުވާނެ ކަމަށް ކަރެކްޝަންސްއިން ލަފާކުރެއެވެ.
އަލަށް ތަރައްގީކުރި މި ޔުނިޓުގައި ގައިދީންނަށް ބޭނުންވާ އަސާސީ ވަސީލަތްތައް ވަނީ ފުރިހަމަކޮށްފައެވެ. އެގޮތުން ނިދުމަށް ބަންކު ބެޑު ބަހައްޓާފައިވާއިރު، އޭސީ އާއި ފަންކާގެ އިތުރުން މެސް ރޫމަކާއި، ނަމާދު ކުރާނެ ކޮޓަރިއަކާއި ލޯންޑްރީއެއް ވެސް ވަނީ ގާއިމުކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިތަން ތަރައްގީކުރުމުގެ އަމަލީ މަސައްކަތުގައި ޖަލުގައި ތިބި މަސައްކަތްތެރި ގައިދީންނާއި ކަރެކްޝަންސްގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
ސަރުކާރުގެ އަމާޒަކީ "ވަން ޕްރިޒަން ކޮންސެޕްޓް" ގެ ދަށުން ޖަލުތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. މި ދައުރުގެ ތެރޭގައި ޖަލުތަކަށް 500 އެނދު އިތުރުކުރުމަށް މަސައްކަތް ކުރަމުންދާއިރު، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ޖަލުތަކުގެ ކެޕޭސިޓީއަށް 400 ޖާގަ ވަނީ އިތުރުކޮށްފައެވެ.