ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ ރައީސްގެ ދެކަނބަލުން ފޮނުއްވައިފި

ފޮޓޯ: ރައީސް އޮފީސް
ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ 34 ވަނަ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ދިވެހި ހުރިހާ ލިޔުންތެރިންނަށް ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވައިފިއެވެ.

މި ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިސްލާމްދީނަކީ އުނގަންނައިދިނުމާއި، ތެދު މައުލޫމާތު ފެތުރުމުގެ އިތުރުން ލިޔުންތެރިކަން ކުރިއެރުވުމަށް ބާރުއަޅާ ދީނެއް ކަމަށެވެ. އެހެންކަމުން، ހައްގުބަސް ފެތުރުމަށާއި، ރީތި ބަހުރުވައިން މުހާތަބުކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ. އަދި މިއަދާއި މާދަމާގެ ޖީލުތަކަށް ފައިދާކުރާނެ ފަދަ ރަނގަޅު ވާހަކަތަކާއި ފިކުރުތައް ފެތުރުމަށް ދިވެހި ލިޔުންތެރިންނަށް ރައީސް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދިވެހި ލިޔުންތެރިން ވާންޖެހޭނީ ގައުމު އަބަދުވެސް ފަހުރުވެރިވާނެ ފަދަ، ގައުމަށް ފާގަތިކަން ލިބޭނެ ގޮތަށް ލިޔާ އަމާނާތްތެރި ބަޔަކަށެވެ. ގައުމުދެކެ ލޯބިވާ ބަޔަކަށް ލިޔުންތެރިން ވުމަކީ މުހިންމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

މި މުނާސަބަތުގައި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވެސް ވަނީ ދިވެހިބަހުގެ އަދަބިއްޔާތާއި ލިޔުންތެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ތަހުނިޔާ ވިދާޅުވެފައެވެ. އެކަމަނާ ވަނީ ދިވެހި ލިޔުންތެރިކަމަށް އުޖާލާ ކުރިމަގަކަށް އެދިވަޑައިގެން ދުއާ ކުރައްވާފައެވެ.

ރާއްޖޭގައި ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 8 ވަނަ ދުވަހަކީ ލިޔުންތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި ދުވަސް ނިސްބަތްވަނީ 1933 ވަނަ އަހަރުގެ ޖުލައި 8 ގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ނެރުނު މަޖައްލާ ކަމަށްވާ "އަލްއިސްލާހު" އަށެވެ. ރާއްޖޭގައި ރަސްމީކޮށް ލިޔުންތެރިންގެ ދުވަސް ފާހަގަކުރަން ފަށާފައިވަނީ 1993 ވަނަ އަހަރުއެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގްސަދަކީ ލިޔުންތެރިންގެ އަގު ވަޒަންކުރުމާއި، އެ ފަރާތްތަކަށް ހިތްވަރުދީ ރާއްޖޭގެ ލިޔުންތެރިކަން އާ ހަރުފަތަކަށް ގެންދިއުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ