ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށް ތާރުއަޅާ ނިންމާލައިފި

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްދަނީ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްދަނީ. ފޮޓޯ: އެމްޓީސީސީ

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާއާ ހަމައަށް އޮތް ސަރަހައްދުގައި ތާރުއަޅައި މިއަދު ވަނީ ނިންމާލާފައެވެ.

މި މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ބުނި ގޮތުގައި، ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް ހަތަރެއް އަދި ފަހެއްގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރޭގައެވެ. މި މަސައްކަތް މިއަދު ހެނދުނާ ހަމައަށް ވަނީ އެއްކޮށް ނިންމާލާފައެވެ. މި މަޝްރޫއުގެ ދަށުން ދެން އެންމެ އަވަހަށް ކުރިއަށްދާނީ ޚާރިޖީ ވުޒާރާއިން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮތް ސަރަހައްދުގައި ތާރުއެޅުމުގެ މަސައްކަތެވެ. އެ މަސައްކަތް އަންނަ ހަފުތާގެ ތެރޭގައި ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.

އެމްޓީސީސީން ހާމަކުރި ގޮތުގައި، ބޮޑުތަކުރުފާނު މަގުގެ މި ސަރަހައްދު އާންމުންނަށް ހުޅުވާލާނީ ތާރުއެޅުމުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމުމަށްފަހުގައެވެ. އެކި ސަބަބުތަކާ ހުރެ މަސައްކަތް ނިންމަން ކަނޑައެޅި ތާރީޚަށް ބަދަލުތަކެއް އައި ނަމަވެސް، މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން މުޅި މަޝްރޫއު އެއްކޮށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން މަގު އިތުރަށް ފުޅާކޮށް، ޕާކުކުރާނެ ބޮޑު ސަރަހައްދެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ކުރިން ވަނީ އެމްއެމްއޭ ސަރަހައްދާއި މާރުކޭޓު ސަރަހައްދުގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލާފައެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު ފެށި މި މަޝްރޫއަކީ މާލޭގެ ދަތުރުފަތުރަށް ބޮޑު ލުޔެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ