ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމާއެކު ނޯތު ހާބަރުގެ ހިދުމަތްތަކަށް ބޮޑު ކުރިއެރުމެއް

ބޮޑުތަކުރުފާނު މަގަށް ގެނެވުނު ބަދަލާއެކު އެމްޕީއެލްގެ ހިދުމަތްްތަކަށް ހެޔޮ ބަދަލުތަކެއްވަނީ ގެނެސްފައި. ފޮޓޯ: އެމްޓީސީސީ
ބޮޑުތަކުރުފާނު މަގަށް ގެނެވުނު ބަދަލާއެކު އެމްޕީއެލްގެ ހިދުމަތްްތަކަށް ހެޔޮ ބަދަލުތަކެއްވަނީ ގެނެސްފައި. ފޮޓޯ: އެމްޓީސީސީ

މާލޭގެ ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، މަގު ފުޅާކުރުމާ ގުޅިގެން ނޯތު ހާބަރުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފޯރުކޮށްދޭ ހިދުމަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

މި ބަދަލާއެކު ބަނދަރުގެ އޮޕަރޭޝަންތަކަށް ބޮޑު ލުޔެއް ލިބި، މުދާ އުފުލާ އުޅަނދުފަހަރަށް ހިދުމަތް ދިނުން ވަނީ ކުރިއަށްވުރެ އަވަސްވެފައެވެ.

އެމްޕީއެލްއިން ބުނި ގޮތުގައި މަގު ފުޅާކުރުމުގެ ސަބަބުން އެއްފަހަރާ ދެތިން ޕިކަޕަށް މުދާ ބަރުކުރުމާއި ބޭލުމުގެ ޖާގަ މިހާރު ވަނީ ތަނަވަސްވެފައެވެ. މީގެ ކުރިން މަގު ހަނިވުމުގެ ސަބަބުން ދިމާވި ދަތިތައް ހައްލުވެ، އޮޑިވެރިންނަށް މުދާ ބަރުކުރުމުގައި ބޮޑު ފަސޭހައެއް ލިބިފައިވާކަން އެ ކުންފުނިން ފާހަގަކުރެއެވެ. މީގެ އިތުރުން، ބަނދަރަށް ކައިރިކުރާ އުޅަނދުފަހަރަށް ބޭނުންވާ ފެނާއި ކަރަންޓުގެ ހިދުމަތް ވެސް މިހާރު ވަނީ ޒަމާނީ ފެންވަރަށް ބަދަލުކޮށްފައެވެ.

ކުރިން އުޅަނދުފަހަރަށް ފެން ފޯރުކޮށްދެމުން އައީ ހަންހަމަށް ފެން އަޅައިގެން ކަމަށް ވީ ނަމަވެސް، މިހާރު އޮޑި ގާތްކުރާ ސަރަހައްދުން ސީދާ ބޯޓަށް ފެން އެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި މިއީ ބަނދަރުގެ ތާރީހުގައި ވެސް އުޅަނދުފަހަރަށް ކަރަންޓުގެ ހިދުމަތް ދޭން ފެށި ފުރަތަމަ ފަހަރު ކަމަށް އެމްޕީއެލްއިން ބުނެއެވެ. މި ހިދުމަތްތަކަށް އެދުމުގެ ފުރުސަތު މިހާރު ޕޯޓަލް މެދުވެރިކޮށް ވަނީ ހުޅުވާލާފައެވެ.

މަގަށް ގެނެވުނު ބަދަލާއެކު ސަލާމަތީ ގޮތުން ވެސް ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފައެވެ. ކުރިން މުދާ އެރުވުމުގައި ފިލާ ބޭނުންކުރުމުގެ ސަބަބުން މީހުންނާއި މުދާ މޫދަށް ވެއްޓުމުގެ ހާދިސާތައް ހިނގި ނަމަވެސް، މިހާރު ޕިކަޕުން ސީދާ ތޮށިގަނޑަށް މުދާ ބޭލުމަށްފަހު އުޅަނދުފަހަރަށް އެރުވޭތީ އެފަދަ ނުރައްކާތައް ވަނީ ކުޑަވެފައެވެ. އެމްޕީއެލްއިން ބުނީ މި ހުރިހާ އިންތިޒާމުތަކެއް ވެސް ހަމަޖައްސަމުން ދަނީ އޮޑިވެރިންނާއި ފަޅުވެރިންގެ މަޝްވަރާއާ އެކު ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ