ރާއްޖޭގައި ހިމަބިހި ފެތުރުން ކޮންޓްރޯލުން ނެއްޓިފައިވާ ހާލަތެއް ނެތް: ވަޒީރު ޤީލާ

ހެލްތް މިނިސްޓަރ ގީލާ އަލީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުގެ ސުވާލަށް ޖަވާބުދެއްވަނީ
ހެލްތް މިނިސްޓަރ ގީލާ އަލީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުގެ ސުވާލަށް ޖަވާބުދެއްވަނީ

ރާއްޖޭގެ އެކި ސަރަހައްދުތަކުން ހިމަބިހީގެ ކޭސްތައް ފެންނަމުން ދިޔަ ނަމަވެސް، އެ ބަލި ކޮންޓްރޯލުން ނެއްޓިފައިވާ ހާލަތެއް ނެތް ކަމަށް މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ، ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މި ދުވަސްވަރު މާލެ ސަރަހައްދުން އެކަނިވެސް ހިމަބިހީގެ 100 ކޭސް ފެނިފައިވާ ކަމަށެވެ. ނަމަވެސް މިއީ އާދަޔާ ހިލާފަށް ބަލި ފެތުރިގެން އުޅޭ ހާލަތެއް ނޫން ކަމަށާއި، ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ހަރުދަނާކަމާއެކު ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް މުޅި ރާއްޖެއިން ޖުމްލަ 121 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި ހިމަބިއްސަކީ ވަރަށް އަވަހަށް ގައިން ގަޔަށް އަރާ ބައްޔަކަށް ވީ ނަމަވެސް، ބަލިން ފަސޭހަވާން ނަގާ މުއްދަތު ވެސް ނިސްބަތުން ކުރުވާނެއެވެ. އެހެންކަމުން، މިއީ ކޮންޓްރޯލް ނުކުރެވިގެން އުޅެންޖެހޭ ފަދަ ހާލަތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހާއްސަ ވެކްސިން ޕްރޮގްރާމެއް މިހާރު ވެސް ދަނީ ހިންގަމުންނެވެ. މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 5,495 މީހުންނަށް ވެކްސިން ދީފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. މީގެ އިތުރުން، އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއަށް 20,000 ޑޯޒްގެ ހިމަބިހި ވެކްސިނާއި ތިން ޓަނުގެ ސިއްހީ ސާމާނު ހަދިޔާކޮށްފައެވެ.

ކޮންމެ ބައްޔަކީ ވެސް އެ ބައްޔަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅަންޖެހޭ ބައްޔެއްކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ސަރުކާރުން ކުރަމުންދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ