އިންޑިއާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމަށް ވަޒީރު ސައީދު މަޝްވަރާކުރައްވައިފި

ވަޒީރު ސައީދު އިންޑިއާގެ ކޮމާޝަލް އެންޑް އިންޑަސްޓްރިއަލް ވަޒީރާ ބައްދަލުކުރެއްވުން. ފޮޓޯ: މިނިސްޓަރ ސަޢީދު / އެކްސް
ވަޒީރު ސައީދު އިންޑިއާގެ ކޮމާޝަލް އެންޑް އިންޑަސްޓްރިއަލް ވަޒީރާ ބައްދަލުކުރެއްވުން. ފޮޓޯ: މިނިސްޓަރ ސަޢީދު / އެކްސް

ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފްޓީއޭ) ގާއިމުކުރުމަށާއި، ދެ ގައުމުގެ ދެމެދުގައި އޮތް އިގުތިސާދީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު، އިންޑިއާގެ ކޮމާޝަލް އެންޑް އިންޑަސްޓްރިއަލް ވަޒީރު ޕިޔުޝް ގޯޔަލްއާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ވަޒީރު ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންޑިއާގެ ވަޒީރާއެކު ބޭއްވެވި މަޝްވަރާތަކަކީ ވަރަށް ކާމިޔާބު އަދި އުފެއްދުންތެރި ބައްދަލުވުމެއް ކަމަށެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އިންވެސްޓްމަންޓް މުއާހަދާއެއް އެކުލަވާލުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި މަސައްކަތްތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ދެ ގައުމުގެ އިގުތިސާދީ ކުރިއެރުމަށް ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެއްދެވުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ.

މި ބައްދަލުވުމުގައި އިންޑިއާގެ ވަޒީރު ބެހެއްޓެވި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވަމުން، ސައީދު ވިދާޅުވީ ދެ ގައުމުގެ ރައްޔިތުންނަށް ފައިދާކުރަނިވި ނަތީޖާތަކެއް ހާސިލުކުރުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމަށް އުންމީދުކުރައްވާ ކަމަށެވެ. މި މަޝްވަރާތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ މުއާމަލާތްތައް އިތުރަށް ފުޅާވެ، އައު އިންވެސްޓްމަންޓްތަކަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ