ހއ. ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރުމަށްޓަކައި އުސޫލުތަކާ ހިލާފަށް ބިން ދޫކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، އެ ރަށު ކައުންސިލްގެ ހަތަރުވަނަ ދައުރުގެ މެންބަރުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފިއެވެ.
އޭސީސީން ބުނި ގޮތުގައި މި މައްސަލައަކީ ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރުމަށްޓަކައި "ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް" އަށް 5،000 އަކަފޫޓުގެ ބިމެއް ގަވާއިދާ ހިލާފަށް ދޫކޮށްފައިވާ ކަމަށް ބުނާ މައްސަލައެކެވެ. މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 20 ވަނަ ދުވަހު ކަމަށާއި، މިހާރު އެ އޮފީހުން މައްސަލަ ބަލައިގެންފައިވާ ކަމަށްވެސް އޭސީސީން މައުލޫމާތު ދެއެވެ.
މި މައްސަލައިގައި ދައުވާކުރަން ފޮނުވާފައިވާ ފަރާތްތަކުގެ ތެރޭގައި ހޯރަފުށީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ރައީސް މުހައްމަދު ވަހީދާއި، ނައިބު ރައީސް އަހުމަދު އިމްދާހުގެ އިތުރުން ކައުންސިލް މެންބަރުން ކަމަށްވާ އިބްރާހީމް ޝާކިރާއި، އަހުމަދު ރައޫފާއި، މަރްޔަމް ވަކީލާއާއި، އާމިނަތު ވިސާމާ އަދި އާމިނަތު ނާސިހާ ހިމެނެއެވެ. މީގެ ތެރެއިން އަހުމަދު އިމްދާހާއި، އަހުމަދު ރައޫފް އަދި އާމިނަތު ވިސާމާއަކީ މިހާރުގެ ކައުންސިލްގައި ވެސް ހިމެނިވަޑައިގަންނަވާ މެންބަރުންނެވެ.
އޭސީސީން މި ފަރާތްތަކުގެ މައްޗަށް އުފުލުމަށް އެދިފައިވަނީ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި، ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގެ ތަހުގީގަށް ފަހު އޭސީސީން ނިންމާފައިވަނީ ކައުންސިލުން ބިން ދޫކުރުމުގައި އަމަލުކޮށްފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް ކަމަށެވެ.