އައްޑޫއާ 933 ކިލޯމީޓަރު ދުރަށް ބިންހެލުމެއް، ރާއްޖެއަށް ނުރައްކަލެއް ނެތް

ބިންހެލުން އައި ސަރަހައްދު މެޕުން ފާހަގަކޮށްފައި
ބިންހެލުން އައި ސަރަހައްދު މެޕުން ފާހަގަކޮށްފައި. ފޮޓޯ؛ މެޓް

އައްޑޫ ސިޓީއާ ގާތްގަނޑަކަށް 933 ކިލޯމީޓަރު ދުރަށް މިއަދު ހަވީރު ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކުރި ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ ޗާގޯސްގެ ރަށްތައް ހިމެނޭ ސަރަހައްދަށެވެ.

މެޓް އޮފީހުން ބުނީ ރިކްޓާ މިންގަނޑުން 5.4 މެގްނިޓިއުޑުގެ ބާރުމިނުގައި އައި މި ބިންހެލުން ރެކޯޑު ކުރެވިފައިވަނީ މިއަދު ހަވީރު 06:01 ހާއިރު ކަމަށެވެ. މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި، ރާއްޖެއަށް މީގެ އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އެ އިދާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

ރާއްޖެއާ ކައިރި ސަރަހައްދުތަކަށް އަންނަ ބިންހެލުންތަކާ ގުޅޭގޮތުން މެޓް އޮފީހުން ބުނީ، ބިންހެލުންތައް އައުން ގާތް ސަރަހައްދުތައް ސައިންޓިފިކް ގޮތުން ދެނެގަނެވުނު ނަމަވެސް، ބިންހެލުމެއް އަންނާނެ ސީދާ ވަގުތާއި ތަން ދުރާލާ ދެނެގަނެވޭނެ އެއްވެސް ވަސީލަތެއް ދުނިޔޭގެ އެއްވެސް ގައުމެއްގައި އަދި ހޯދިފައި ނުވާ ކަމަށެވެ. މިފަދަ މައުލޫމާތުތައް ހިއްސާކޮށްފައި މިވަނީ ރާއްޖެއަށް ބިންހެލުމެއް އަންނަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދޮގު ޚަބަރުތަކެއް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.

މީގެ އިތުރުން، ސޯޝަލް މީޑިއާގައި ދައުރުވާ ބައެއް ހަގީގަތާ ހިލާފު ވާހަކަތަކަށް ސަމާލުވުމަށް އިލްތިމާސް ކުރަމުން މެޓް އޮފީހުން ބުނީ، ރާއްޖެއަށް އަސަރުކޮށްފާނެ ފަދަ އެއްވެސް ކަމެއް މެދުވެރިވެއްޖެ ނަމަ، ލަސްނުކޮށް އެ މައުލޫމާތު އާންމުންނާ ހިއްސާ ކުރަމުންދާނެ ކަމަށެވެ. އެ އިދާރާއިން އަންނަނީ 24 ގަޑިއިރު މެދުނުކެނޑި ބިންހެލުންތަކުގެ މައުލޫމާތު މޮނިޓަރު ކުރަމުންނެވެ.

މެޓް އޮފީހުން އިތުރަށް ބުނެފައިވަނީ، ރާއްޖެއަކީ ބިންހެލުންތައް އާންމުކޮށް އަންނަ ސަރަހައްދަކަށް ނުވި ނަމަވެސް، ކައިރި ސަރަހައްދުތަކަށް އަންނަ ބިންހެލުންތަކުގެ ސަބަބުން އުފެދޭ ސުނާމީ ފަދަ ކަންކަމަށް އަބަދުވެސް ސަމާލުވެ ތިބޭ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މަރުކަޒުތަކާ ގުޅިގެން މިފަދަ ކަންކަން ވަގުތުން ވަގުތަށް ބަލަމުންދާ ކަމުގެ ޔަގީންކަން އެ އިދާރާއިން ވަނީ ދީފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ