މާލޭގެ ގެއެއްގެ ތިންވަނަ ފަންގިފިލާގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ގަލޮޅު މިތުރުގޭގައެވެ.
އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާގެ ރިޕޯޓު ލިބުމާއެކު ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. ސިފައިން ކުރި މަސައްކަތުން އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ މިއަދު ހެނދުނު 09:08 ހާއިރުއެވެ. ބެލެވޭ ގޮތުގައި އަލިފާން ރޯވާން ދިމާވީ އެ ގޭގެ ތިންވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ކޮޓަރިއެއްގެ ސޮކެޓެއްގައި ރޯވެގެންނެވެ.
މި ހާދިސާގައި އެ އެޕާޓްމަންޓުގެ އެއް ކޮޓަރި ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ. އަދި އެޕާޓްމަންޓުގެ އެހެން ބައިތަކަށްވެސް ދުމުގެ އަސަރުކޮށް، އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ. މި ގޭގައި ޖުމްލަ ހަތަރު މީހުން ދިރިއުޅެމުންދާއިރު، ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިހާރު ދަނީ އެ ގޭގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ލިބުނު ގެއްލުންތަކުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތްވެސް އެ އިދާރާއިން ދަނީ ކުރިއަށް ގެންދަމުންނެވެ.