ސްކޫލުތަކުގައި ޒަމާނީ ދަނޑުވެރިކަން ތަޖުރިބާކުރެވޭ "ވިލުންވެށި" ޕްރޮގްރާމް ރަށްރަށަށް ފުޅާކުރަނީ

ވިލުންވެށި ޕްރޮގްރާމްގެ ދަށުން ހިރިޔާ ސްކޫލުގައި ގާއިމުކުރި ބަގީޗާ ހުޅުވުން. ފޮޓޯ: މިނިސްޓްރީ
ވިލުންވެށި ޕްރޮގްރާމްގެ ދަށުން ހިރިޔާ ސްކޫލުގައި ގާއިމުކުރި ބަގީޗާ ހުޅުވުން. ފޮޓޯ: މިނިސްޓްރީ

މަދުރަސީ މާހައުލުގެ ތެރެއިން ދަރިވަރުންނަށް ޒަމާނީ ދަނޑުވެރިކަމުގެ އުކުޅުތައް އަމަލީގޮތުން ތަޖުރިބާކުރުމުގެ ފުރުސަތު ލިއްބައިދިނުމަށް ފަރުމާކޮށްފައިވާ "ވިލުންވެށި" ޕްރޮގްރާމް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސްކޫލުތަކަށް ފުޅާކުރަން ނިންމާފައިވާކަމަށް ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފު ވިދާޅުވެއްޖެއެވެ.

މި ޕްރޮގްރާމުގެ ދަށުން ގާއިމުކުރި ފުރަތަމަ ބަގީޗާ މާލޭގެ ހިރިޔާ ސްކޫލުގައި މިހާރު ވަނީ ހުޅުވާފައެވެ. "ގާޑަން އޮފް ގްރޯތު"ގެ ނަމުން ނަންދީފައިވާ މި ދަނޑަކީ، ދަރިވަރުންނަށް ދަނޑުވެރިކަމުގެ އެންމެ ފަހުގެ ފަންނިއްޔާތާއި އުކުޅުތައް ދަސްކޮށްދިނުމަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ތަނެކެވެ. މި މަޝްރޫއަކީ ތިމާވެއްޓާ ބެހޭ ވުޒާރާއާއި ތައުލީމާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވަޒީރު އަލީ ޝަރީފު ވިދާޅުވީ، މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ދަރިވަރުން އަހުލުވެރިކުރުވުން ކަމަށެވެ. އަދި ގްރީން ހައުސްތަކާއި، ހައިޑްރޯޕޯނިކްސްގެ އިތުރުން ވާޓިކަލް ފާމިން ފަދަ ޒަމާނީ މަފުހޫމުތައް ކްލާސްރޫމުން ބޭރުގައި، އަމަލީ މައިދާނުގައި ތަޖުރިބާކުރުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ހަމައެކަނި ފޮތުން ކިޔަވައިދިނުމުގެ ބަދަލުގައި، މިފަދަ ތަޖުރިބާތަކުގެ ސަބަބުން ދަނޑުވެރިކަމަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ކުރެވިދާނެ ކަމެއްކަން ދަރިވަރުންނަށް ވިސްނައިދެވޭނެ ކަމަށެވެ. މީގެ ސަބަބުން ކުރިއަށް އޮތް ޖީލުތަކަށް މި ދާއިރާގެ ފައިދާތައް އޮޅުންފިލައި، ދަނޑުވެރިކަމަށް ޝައުގުވެރިވާ ޖީލެއް ބިނާކުރުމަށް މަގުފަހިވާނެއެވެ.

ސަރުކާރުގެ އަމާޒަކީ މާލޭގެ އިތުރު ސްކޫލުތަކުގެ އިތުރުން، އަތޮޅުތަކުގެ ސްކޫލުތަކުގައިވެސް މިފަދަ ބަގީޗާތައް ގާއިމުކޮށް، ވީހާވެސް ގިނަ ދަރިވަރުންނަށް މި ފުރުސަތު ހުޅުވާލުމެވެ. މިއީ ރާއްޖޭގެ ދަނޑުވެރިކަމުގެ މުސްތަގުބަލަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ