މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ސަރަޙައްދަށް ޒިޔާރަތްކުރެއްވީ، މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހިމެނޭ ހަތަރުވަނަ އަދި ފަސްވަނަ ސެގްމަންޓުގައި ތާރުއަޅައި ނިންމާފައިވަނިކޮށެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީ ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫޢަކީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޢިއްޒުއްދީން ފާލަމާ ހަމައަށް އޮންނަ ސަރަޙައްދު ފުޅާކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މަޝްރޫޢުގެ މަސައްކަތްތަކާ ގުޅޭގޮތުން އެމްޓީސީސީން މަޢުލޫމާތު ދޭގޮތުގައި، މިހާތަނަށް ވަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ފަތުޙުﷲ ޖަމީލް ބިލްޑިންގ (ޚާރިޖީ ވުޒާރާ) އާ ހަމައަށް ތާރުއަޅައި ނިންމާފައެވެ. އަދި ޚާރިޖީ ވުޒާރާއިން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮންނަ ސަރަޙައްދުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ ހަފުތާގެ ތެރޭގައި ފެށުމަށް ވަނީ ތާވަލުކޮށްފައެވެ. މަގު އެއްކޮށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ ތާރުއަޅައި މުޅިން ނިމުމުންނެވެ.
މި މަޝްރޫޢު ނިންމުމަށް ކަނޑައެޅި ތާރީޚަށް އެކި ސަބަބުތަކާހުރެ ބަދަލުތަކެއް އައި ނަމަވެސް، މި މަހުގެ 26 ވަނަ ދުވަހަށް މުޅި މަޝްރޫޢު އެއްކޮށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ލަފާކުރެއެވެ. މިހާތަނަށް މަޝްރޫޢުގެ ދެ ސެގްމަންޓެއްގެ މަސައްކަތް ނިންމައި އާންމުންނަށް ވަނީ ހުޅުވާލާފައެވެ. އެއީ ރަސްމީ ފާލަން ހިމެނޭ އެމްއެމްއޭ ސަރަޙައްދާއި މާލޭގެ މާރުކޭޓު ސަރަޙައްދެވެ. މި ސަރަޙައްދުތައް ހުޅުވާލުމާއެކު، އެ ސަރަޙައްދުގެ ޓްރެފިކަށް ބޮޑެތި ލުއިތަކެއް ލިބިގެން ގޮސްފައިވާކަން ފާހަގަކުރެވެއެވެ.