މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލުން ޑެންޓަލް ކްރައުނިން އާއި އިމްޕްލާންޓްގެ ހިދުމަތް ތައާރަފުކުރަނީ

ދިވެހި ސަރުކާރުން ދެމުންދާ ދަތުގެ ހިދުމަތުގެ ރަންޔޫބިލް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ދިވެހި ސަރުކާރުން ދެމުންދާ ދަތުގެ ހިދުމަތުގެ ރަންޔޫބިލް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ ދަށުން ހިންގާ މަރުކަޒުތަކުގައި ދަތުގެ ހާއްސަ ފަރުވާތަކެއް ކަމަށްވާ 'ޑެންޓަލް ކްރައުނިން' އާއި 'އިމްޕްލާންޓް' ގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަން އެ ގްރޫޕުން ހާމަކޮށްފިއެވެ.

މިކަން އިއުލާނުކުރެއްވީ ދިވެހި ސަރުކާރުން ދެމުންދާ ދަތުގެ ހިދުމަތަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ، މި ހިދުމަތްތަކަކީ އާންމު ރައްޔިތުން މިހާރު ބޮޑު ހޭދައެއް ކޮށްގެން ހޯދަމުންދާ އަސާސީ ހިދުމަތްތަކެއް ކަމަށެވެ. އެހެންކަމުން، ސަރުކާރުގެ ހޮސްޕިޓަލްތަކުން މި ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ދަތުގެ ފަރުވާ ހޯދުމަށް ބިރުގަންނަ ފަރާތްތަކަށާއި ތަދު ކެތްނުކުރެވޭ މީހުންނަށް ހާއްސަކޮށް 'ސެޑޭޝަން ޑެންޓިސްޓްރީ' ގެ ހިދުމަތް ތައާރަފުކުރުމަށް ވެސް ވަނީ ނިންމާފައެވެ. މިއީ ބޭސް ބޭނުންކޮށްގެން ބަލިމީހާ ހަމަޖައްސާލައިގެން ފަރުވާ ދިނުމުގެ އުސޫލެކެވެ. ހަމައެއާއެކު، ދަތުގެ ފަރުވާތަކަށް ބޭނުންވާ ތަކެތި ތައްޔާރުކުރާ ޑެންޓަލް ލެބޯޓްރީ އިތުރަށް ތަރައްގީކޮށް، ޒަމާނީ ވަސީލަތްތަކާއެކު ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާކަން ސީއީއޯ ފާހަގަކުރެއްވިއެވެ.

އަނގައިގެ ސިއްހަތަކީ އިންސާނާގެ މުޅި ދިރިއުޅުމުގެ ފެންވަރާއި ދުޅަހެޔޮކަމާ ގުޅިފައިވާ މުހިންމު ކަމެއްކަން ފާހަގަކުރެއްވައި، ހަލީމް ވިދާޅުވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގައި މިކަމަށް ގާބިލު ޓީމެއް އެބައޮތް ކަމަށެވެ. މި އާ ހިދުމަތްތަކާއެކު ދަތުގެ ފަރުވާގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ