ފީފާ ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި މިރޭ ފްރާންސާ ދެކޮޅަށް މޮރޮކޯ ނުކުންނައިރު، އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ އިސްމާއީލް ސައިބާރީއަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެކަން ވަނީ ކަށަވަރުވެފައެވެ.
ސައިބާރީގެ ފައިގެ މަސްގަނޑަށް އަނިޔާވީ ގަދަ 16 ގައި ކެނެޑާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.
މޮރޮކޯގެ ކޯޗު މުޙައްމަދު އުއާބީ ހާމަކުރި ގޮތުގައި، ސައިބާރީއަށް ލިބުނު އަނިޔާގެ ސަބަބުން ކުއާޓާ ފައިނަލަށް އޭނާ ފިޓުވެފައެއް ނުވެއެވެ. ނަމަވެސް، މޮރޮކޯ ސެމީ ފައިނަލަށް ދަތުރުކޮށްފިނަމަ، މުބާރާތުގެ ބާކީ ބައިގައި އޭނާއަށް ކުޅެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ކޯޗު ބުންޏެވެ. ނެދަލެންޑްސްގެ ޕީއެސްވީން 50 މިލިޔަން ޔޫރޯގެ ބޮޑު އަގަކަށް ބަޔާން މިއުނިކާ ދާދިފަހުން ގުޅުނު ސައިބާރީއަކީ މިފަހަރުގެ މުބާރާތުގައި މޮރޮކޯއަށް އެންމެ ގިނަ ލަނޑު ޖަހައިދިން އެއް ކުޅުންތެރިޔާއެވެ.
މި މެޗަށް މޮރޮކޯ ނުކުންނަނީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ފްރާންސް އަތުން ވީ ބައްޔަށް ބަދަލުހިފުމުގެ އަޒުމުގައެވެ. މޮރޮކޯގެ ތަރި ބްރަހީމް ޑިއާޒް ބުނި ގޮތުގައި، ފްރާންސްގެ ވަރުގަދަ ޓީމާ ދެކޮޅަށް ވާދަކުރެވޭނެ ފެންވަރު މޮރޮކޯގައި އެބަހުއްޓެވެ. ސައިބާރީގެ ބަދަލުގައި މިރޭގެ މެޗުގައި ފެނުން އެންމެ ގާތީ ކެނެޑާ މެޗުގައިވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ ލަނޑު ޖެހި ސުފިޔާން ރަހީމީއެވެ.
މޮރޮކޯގެ ކޯޗު އުއާބީ ބުނީ، ޓީމުގެ އަމާޒަކީ ކޮންމެހެންވެސް ސެމީ ފައިނަލަށް ދަތުރުކުރުން ކަމަށެވެ. އަދި މިހާ ހިސާބުން މުބާރާތުން ކެޓިޔަސް މައްސަލައެއް ނެތް ކަމަށް ބުނާ ވާހަކަތަކަށް އޭނާ ވަނީ ރައްދުދީފައެވެ. މޮރޮކޯއަކީ ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ އެފްރިކާ އަދި އަރަބި ޤައުމެވެ.