ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ.
މި ތަކެތި އަތުލައިގަނެފައިވަނީ ޕޯސްޓް އޮފީހަށް އައި ޕެކޭޖުތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު އަތުލައިގަތް މި ތަކެތީގެ ބަރުދަނުގައި 3.6 ކިލޯ ހުއްޓެވެ. މި ތަކެތި ތަހުލީލު ކުރިއިރު، އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން އަށް ވަނީ ޕޮޒިޓިވް ވެފައެވެ.
18 ޖޫން 2026 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު 3.6 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި.
🔹ބާވަތް: ސިންތެޓިކް ކެތިނޯން
🔹ބަރުދަން: 3610 ގްރާމް
🔹މަަގުމަތީއަގު: 5 މިލިއަން ދިވެހި ރުފިޔާއަށް ވުރެ އިތުރު pic.twitter.com/eBtXHidjsJ— Maldives Customs Service (@CustomsMv) July 9, 2026
މި މަސްތުވާތަކެތީގެ މަގުމަތީ އަގު 5 މިލިއަން ދިވެހި ރުފިޔާއަށްވުރެ މަތިވާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ. މިއީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހޯދުނު ކާމިޔާބީއެކެވެ.
ވައިގެ މަގުންނާއި، ކަނޑުމަގުން އަދި ޕޯސްޓާއި ކުރިއަރ މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅޭ މަސްތުވާތަކެތި އަތުލައިގަތުމަށް ކަސްޓަމްސްއިން އަންނަނީ ހާއްސަ ސަމާލުކަމެއް ދެމުންނެވެ. މިގޮތުން ފަހަކަށް އައިސް ގަވާއިދާ ހިލާފަށް އެތެރެކުރާ ސިނގިރޭޓާއި ވޭޕް ފަދަ ތަކެތިވެސް ކަސްޓަމްސްއިން ވަނީ އަތުލައިގަނެފައެވެ.