ކުޑަކުދިންގެ ހެދިބޮޑުވުމާއި އުޅުމަށް އަންނަ ބަދަލުތަކާ ގުޅޭ ބަލިތަކަށް ޚާއްޞަވި ރާއްޖޭގެ ފުރަތަމަ ދިވެހި ޑޮކްޓަރު، ޑރ. އާމިނަތު ފަޒުނާ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ،
ކުޑަކުދިން ހެދިބޮޑުވާގޮތް ބަލައި ފަރުވާ ދިނުމުގެ ދާއިރާއިން ޚާއްޞަ ސުޕަޝެލިސްޓެއްގެ ގޮތުގައި ޤައުމަށް ޚިދުމަތްކޮށްދެއްވަން ފެށްޓެވި ފުރަތަމަ ދިވެހި ޑޮކްޓަރު އާމިނަތު ފަޒުނާ އަވަހާރަވުމުގެ ހިތާމައިގައި، އެ ޢާއިލާއަށާއި، ދަރުމަވަންތަ… pic.twitter.com/6fLIemyCfr
— Dr Mohamed Muizzu (@MMuizzu) July 9, 2026
ގދ. ގައްދޫ، ކަށިކެޔޮމާގެއަށް އުފަން، އުމުރުން 47 އަހަރުގެ ޑރ. ފަޒުނާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، އައިޖީއެމް ހޮސްޕިޓަލުގައެވެ. އޭނާއަކީ އޯޓިޒަމް އާއި އޭޑީއެޗްޑީ ފަދަ ކަންކަމަށް ޚާއްޞަވެވަޑައިގެން، ރާއްޖޭގައި އެ ދާއިރާއިން ފަރުވާ ދެއްވަން ފެއްޓެވި ފުރަތަމަ ސުޕަޝެލިސްޓެވެ.
ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑރ. ފަޒުނާ އަވަހާރަވުމަކީ ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. އަދި އެކަމުގެ ހިތާމައިގައި ބައިވެރިވެ، މަރުޙޫމާގެ ޢާއިލާއަށާއި، އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ މުވައްޒަފުންގެ އިތުރުން މުޅި ސިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ރައީސް ވަނީ ތަޢުޒިޔާ ފޮނުއްވާފައެވެ.
ޑރ. ފަޒުނާ 2024 ވަނަ އަހަރުން ފެށިގެން އައިޖީއެމްއެޗްގައި ޚިދުމަތް ކުރައްވަމުން ގެންދެވިއިރު، އޭނާގެ ވަކިވުމަކީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް ލިބުނު ބޮޑު އުނިކަމެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ. މަރުޙޫމާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭގެ އިޝާ ނަމާދަށްފަހު އާ ސަހަރާ މިސްކިތުގައެވެ.