މާލެ ކައިރި ކަނޑުމަތީގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ލޯންޗަކާއި ދޯންޏެއް ޖެހިގެން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓާ ގުޅިގެން "އެލްޖީއެން 101" ނަމަކަށް ކިޔާ ލޯންޗެއް މާލޭގެ އިއްޒުއްދީން ފާލަން ސަރަހައްދަށް ކައިރިކޮށްފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިރޭ 21:10 ހާއިރުއެވެ. މި ހާދިސާގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ހަތަރު ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނަކަށެވެ. ފުލުހުން ބުނީ އެކްސިޑެންޓްވި ދެ އުޅަނދުގެ ތެރެއިން އެއް އުޅަނދު، ހާދިސާއަށް ފަހު މަޑުނުކޮށް ފިލާފައިވާ ކަމަށެވެ. އެ އުޅަނދު ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.
ކަނޑުމަތީގެ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މި ހާދިސާގައި އަނިޔާވި މީހުންގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.