ކީރިތި ޤުރުއާން ތިލާވަތުކުރުމަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ ކަމެއް: ހުކުރު ޚުޠުބާ

79950c1c-39ce-40ac-9306-fa97343f47e3

ކީރިތި ޤުރުއާނަކީ ބަރަކާތުން ފުރިގެންވާ މުޤައްދަސް ފޮތެއް ކަމަށާއި، އެ ފޮތް ތިލާވަތުކޮށް އޭގައިވާ އަމުރުފުޅުތަކަށް ތަބާވާ ކޮންމެ މީހަކަށްމެ މަތިވެރިވެގެންވާ ނިޢުމަތްތައް ލިބޭނެކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

"ކީރިތި ޤުރުއާން ކިޔެވުމުގެ މާތްކަން" މި މައުޟޫއަށް މުޅި ރާއްޖޭގައި މިއަދު ދިން ޚުޠުބާގައި ވަނީ، ޤުރުއާނަކީ ހުރިހާ ހެޔޮކަމަކާއި ކާމިޔާބީއެއްގެ އަސްލުކަން ފާހަގަކޮށްފައެވެ.

ޚުޠުބާގައި ބަޔާންކުރި ގޮތުގައި، ޤުރުއާނުގެ އުޞޫލުތަކުގައި ހިފަހައްޓައި، އޭގެ މާނަތަކާ މެދު ފިކުރުކޮށް، ކިޔެވުމުގައި ދެމިހުންނަ މީހަކީ ދުވަހަކުވެސް ގެއްލުމެއް ނުވާނޭ ފައިދާހުރި ވިޔަފާރިއެއްގައި ދެމިހުރި މީހެކެވެ. މި މާތް އަޅުކަމަކީ އިންސާނާގެ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ، އަދި ބަލިތަކަށް އޮތް ޝިފާއެއްގެ ގޮތުގައިވެސް ޚުޠުބާގައި ސިފަކުރިއެވެ. މީގެ އިތުރުން، ޤުރުއާނުން ކިޔަވާ ކޮންމެ އަކުރަކަށް ދިހަ ހެޔޮކަމުގެ ޘަވާބު ލިބޭނެކަމާއި، ޤިޔާމަތް ދުވަހު އެ ފޮތް ކިޔަވާ މީހުންނަށް ޝަފާޢަތްތެރިވާނެކަންވެސް ހަނދާންކޮށްދިނެވެ.

ޤުރުއާން ތިލާވަތުކޮށް، އާޔަތްތަކުގެ މާނައާ މެދު ވިސްނާ މީހުންގެ ވަށައިގެން މަލާއިކަތްބޭކަލުން ޙާޟިރުވެވަޑައިގަންނަވާނެއެވެ. އެބޭކަލުން އެމީހުންނަށްޓަކައި ހެޔޮ ދުޢާކުރައްވައި، ޝައިޠާނާގެ ވަސްވާސްތަކުން ރައްކާތެރިކޮށްދެއްވާނެ ކަމަށް ޚުޠުބާގައި ބުންޏެވެ. މިއީ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އޮތް އެންމެ މަތިވެރި މަގު ކަމަށާއި، މާތް ﷲގެ ޙަޟުރަތަށް ކުއްތަންވުމަށް އޮތް އެންމެ ހެޔޮވެގެންވާ އެއް ވަސީލަތަކީވެސް ޤުރުއާން ކިޔެވުން ކަމުގައި ފާހަގަކުރިއެވެ.

ޚުޠުބާ ނިންމާލަމުން ވަނީ ކީރިތި ޤުރުއާނާމެދު ތަޤުވާވެރިވުމަށް އިލްތިމާސްކޮށްފައެވެ. ހުރިހާ ހެޔޮކަމެއް ވަނީ އެ ފޮތުގައި ހިފެހެއްޓުމާއި އެ ފޮތް މަތިވެރިކުރުމުގައި ކަމަށާއި، އިންސާނާގެ ބާއްޖަވެރިކަން ގުޅިފައިވަނީ ޤުރުއާނުގެ އަމުރުތަކަށް ބޯލެނބުމުގެ މައްޗަށް ކަމަށްވެސް ޚުޠުބާގައި ބަޔާންކުރިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ