މިފަހަރުވެސް މެރީނޯގެ ފަހު ވަގުތުގެ ލަނޑުން ބެލްޖިއަމް ބަލިކޮށް ސްޕެއިން ސެމީއަށް

ވޯލްޑް ކަޕުގައި ބެލްޖިއަމް ކޮޅަށް ލަނޑު ޖެހުމަށްފަހު ސްޕެއިންގެ މެރިނޯ އުފާފާޅުކުރަނީ. ފޮޓޯ: އޭޕީ
ވޯލްޑް ކަޕުގައި ބެލްޖިއަމް ކޮޅަށް ލަނޑު ޖެހުމަށްފަހު ސްޕެއިންގެ މެރިނޯ އުފާފާޅުކުރަނީ. ފޮޓޯ: އޭޕީ

ފީފާ ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލުގައި ބެލްޖިއަމްގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރިހޯދައި، ސްޕެއިން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ލޮސް އެންޖެލެސް ސްޓޭޑިއަމުގައި ކުޅުނު މި ފޯރިގަދަ މެޗުގައި ސްޕެއިން މޮޅުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް މިކޭލް މެރީނޯއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ފަބިއަން ރުއިޒް ޖަހައިދިން ލަނޑުން ސްޕެއިން ކުރި ހޯދާފައިވަނިކޮށް، ބެލްޖިއަމްގެ ޗާލްސް ޑި ކެޓެލާރޭ ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. މިއީ މިފަހަރުގެ މުބާރާތުގައި ސްޕެއިން ކޮޅަށް ވަން ފުރަތަމަ ލަނޑެވެ. މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ ބެލްޖިއަމްގެ އިތުބާރު ގޯލްކީޕަރު ތިބައޫ ކޯޓުއާއަށް އަނިޔާވެގެން ދަނޑުން ބޭލުމާ ގުޅިގެންނެވެ.

މެޗުގެ 88 ވަނަ މިނެޓުގައި މެރީނޯ ލަނޑު ޖެހީ ބެލްޖިއަމްގެ ބަދަލު ކީޕަރު ސެން ލެމެންސްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. ސްޕެއިންގެ ޕައު ކުބާސީ ފޮނުވާލި ހަމަލާއެއް ކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު، މެރީނޯ ވަނީ ހުށިޔާރުކަމާއެކު އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. މިއީ މެރީނޯ ކުޅެން އެރިތާ އެންމެ 117 ސިކުންތުގެ ތެރޭގައި ކާމިޔާބުކުރި ލަނޑެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި ގަދަ 16 ގައި ޕޯޗުގަލާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ސްޕެއިން މޮޅުވީ މެރީނޯ ފަހު ވަގުތު ޖަހައިދިން ލަނޑުންނެވެ.

މި މޮޅާއެކު ސްޕެއިން މިހާރު ވަނީ 2023 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން ބަލިނުވެ 37 މެޗު ހަމަކޮށްފައެވެ. ސެމީ ފައިނަލުގައި ސްޕެއިން ނުކުންނާނީ މުބާރާތުގެ ފޭވަރިޓުން ކަމަށްވާ ފްރާންސާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުގެރޭ އެމެރިކާގެ ޓެކްސަސްގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ