ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް މިއަހަރު 1.2 ބިލިއަން ރުފިޔާ ޖަމާކޮށްފި

large_thumb_1783744768347

ދައުލަތުގެ ދަރަނި އަދާކުރުމުގެ ގާބިލުކަން އިތުރުކުރުމަށް އުފައްދާފައިވާ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) އަށް މިއަހަރުގެ މިހާތަނަށް 1.2 ބިލިއަން ރުފިޔާ ޖަމާކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.3 އިންސައްތައިގެ ކުރިއެރުމެކެވެ.

2017 ވަނަ އަހަރު އުފެއްދި މި ފަންޑަކީ ކުރިމަގުގައި ދައުލަތުން ދައްކަންޖެހޭ ބޮޑެތި ދަރަނިތައް އަދާކުރުމުގައި އަންނާނެ ތާށިކަން ކުޑަކުރުމަށްޓަކައި ގާއިމުކުރި ފަންޑެކެވެ. މި ފަންޑަށް މައިގަނޑު ގޮތެއްގައި ފައިސާ ޖަމާކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ އަތުން ނަގާ ފީގެ ތެރެއިން ކަނޑައެޅޭ ވަކި މިންވަރެކެވެ.

ސަރުކާރުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، މިދިޔަ އަހަރުގެ މި މުއްދަތުގައި ފަންޑަށް ޖަމާކޮށްފައިވަނީ އެއް ބިލިއަން ރުފިޔާއެވެ. ނަމަވެސް މިއަހަރު އެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މި ފަންޑުގައި ހުރި ފައިސާ ބޭނުންކޮށްގެން، މިއަހަރުގެ އޭޕްރީލް މަހު ދައްކަންޖެހުނު 500 މިލިއަން ޑޮލަރުގެ ސުކޫކު ޕޭމަންޓުގެ ބޮޑު ބައެއް ވަނީ ދައްކާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، މި ފަންޑުގައި ބޭރު ފައިސާގެ ގޮތުގައި ހުރީ އެންމެ ދެ މިލިއަން ޑޮލަރެވެ. އެހެންކަމުން ސަރުކާރުގެ އަމާޒަކީ ފަންޑަށް ޖަމާކުރާ ބޭރު ފައިސާގެ މިންވަރު އިތުރުކޮށް، ރާއްޖޭގެ ރަސްމީ ރިޒާވް ވަރުގަދަކުރުމެވެ. މީގެ ސަބަބުން ބޭރުގެ ދަރަނިތަކުން ކުރިމަތިވެދާނެ ނުރައްކާތައް ކުޑަވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ