ސްކޫލްގައި ހަ ގަޑިއިރު ހޭދަކުރުމަށްފަހު، އިތުރު ހަތަރު ގަޑިއިރާއި ހަ ގަޑިއިރާ ދެމެދުގެ ވަގުތެއް ޓިއުޝަނުގައި ހޭދަކުރުމުގެ ސަގާފަތާމެދު ފުންކޮށް ވިސްނަންޖެހޭ ކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ "މަތީ އަރުތަވެރިންގެ އިނާމު 2025" ދިނުމަށް ބާއްވާ ރަސްމިއްޔާތުގެ ފުރަތަމަ ދަންފަޅީގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، ދަރިވަރުން އަމިއްލައަށް އިސްނަގައިގެން އުނގެނުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އަމިއްލައަށް ކަންކަން ހޯދައި ބަލައިގެން ކިޔަވާ ކުދިންގެ ސިކުނޑީގައި މައުލޫމާތު ހަރުލާ މިންވަރު 75 އިންސައްތައަށްވުރެ މަތިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް، އެހެން މީހުންނަށް މާބޮޑަށް ބަރޯސާވެ، "ސްޕޫންފީޑް" ކުރާނަމަ، އުނގެނޭ މިންވަރު ވަރަށް ބޮޑަށް ދަށްވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޓިއުޝަނަށް ގިނަ ވަގުތުތަކެއް ހޭދަކުރުމުގެ ސަބަބުން ދަރިވަރުންގެ ދުޅަހެޔޮކަމަށް އަސަރުކުރާނެކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށްވެސް ވަގުތު ބޭނުންވާނެ ކަމަށެވެ. އަދި ދަރިވަރުންނަށް މަދަރުސާއިން ބޭރުން އެހީތެރިކަން ބޭނުންވި ނަމަވެސް، އެ އެހީތެރިކަން ދޭންވާނީ ސްކޫލްގައި ކިޔަވައިދޭ ފިލާވަޅުތަކަށް ދޭ ސަމާލުކަން ކުޑަނުވާނެ ގޮތަކަށް ކަމަށްވެސް ވިދާޅުވިއެވެ.
މުދައްރިސުންނަށް އިލްތިމާސްކުރައްވަމުން ވަޒީރު ވިދާޅުވީ، ކްލާސްރޫމްގެ ތެރޭގައި ދެވޭ ފިލާވަޅުތަކުން ދަރިވަރުންނަށް ބޭނުންވާ މިންވަރަށް އުނގަންނައިދިނުމަށް އިސްކަންދޭންޖެހޭ ކަމަށެވެ. މިގޮތަށް މަސައްކަތް ނުކުރެވޭނަމަ ޓިއުޝަންގެ ސަގާފަތް އިތުރަށް ވަރުގަދަވެގެންދާނެ ކަމުގެ އިންޒާރު ވަޒީރު ދެއްވިއެވެ. ތައުލީމީ ނިޒާމު ހަރުދަނާކުރުމަށް ސްކޫލްތަކާއި، މުދައްރިސުން އަދި ބެލެނިވެރިން ގުޅިގެން މަސައްކަތް ކުރުމަށްވެސް ވަޒީރު ވަނީ ގޮވާލައްވާފައެވެ.