މާލޭގެ ރަސްމީ ފާލަން ކައިރީގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި ނުރައްކާތެރި ކަނޑުމަތީގެ އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން ތިން މީހަކަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފިއެވެ.
މި ހާދިސާގައި ޖުމްލަ ފަސް މީހަކަށް އަނިޔާވެގެން އެ ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. އައިޖީއެމްއެޗުން މައުލޫމާތު ދިން ގޮތުގައި، އޭގެ ތެރެއިން ތިން މީހަކަށް މިހާރު ވެސް ދަނީ ވޯޑުގައި ބާއްވައިގެން ފަރުވާ ދެމުންނެވެ. އަނެއް ދެ މީހުންނަށް އެމެޖެންސީގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ.
މި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ބިދޭސީންނާއި ދިވެހި ފިރިހެނެކެވެ. ނަމަވެސް މިހާރު ފަރުވާދެމުންދަނީ އޭގެ ތެރެއިން ކޮން ބަޔަކަށް ކަމެއް ހޮސްޕިޓަލުން ހާމައެއް ނުކުރެއެވެ.
މެރިން ޕޮލިހުން ބުނި ގޮތުގައި މި އެކްސިޑެންޓު ހިނގާފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ 09:10 ހާއިރު، ރަސްމީ ފާލަމާ ދިމާލުން ކަނޑުމަތީގައެވެ. ލޯންޗުގައި ޖެހުނު އަނެއް އުޅަނދު ވަނީ އެކްސިޑެންޓަށް ފަހު މަޑުނުކޮށް ފިލާފައެވެ. ފުލުހުން މިހާރު ދަނީ އެ އުޅަނދު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ފަހަކަށް އައިސް ރާއްޖޭގެ ކަނޑުމަތީގައި ހިނގާ މިފަދަ ނުރައްކާތެރި ހާދިސާތައް ވަނީ އިތުރުވެފައެވެ. މިދިޔަ މަހުގެ ކުރީކޮޅު ވެސް ސަޕްލައި ދޯންޏަކާއި ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާކަން ފާހަގަކޮށްލެވެއެވެ.