ޖަރުމަނުވިލާތަށް މިހާރު ކުރިމަތިވެފައިވާ އާދަޔާ ހިލާފު ގަދަ ހޫނުގެ ސަބަބުން 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، އެ ގައުމުގެ އިގްތިސާދީ ހަރަކާތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ. ރިޕޯޓްތައް ބުނާގޮތުގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނާއި، ދިގު މުއްދަތަކަށް ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނެވެ.
މި ދުވަސްވަރު ޖަރުމަނުގެ ފިނިހޫނުމިން ހުރީ 23 ޑިގްރީ ސެލްސިއަސް އާއި 26 ޑިގްރީ ސެލްސިއަސްއާ ދެމެދުގައެވެ. ބައެއް ސަރަހައްދުތަކުގައި ފިނިހޫނުމިން 27 ޑިގްރީއަށް ވުރެ މައްޗަށް ގޮސްފައިވާއިރު، މިއީ އާންމުކޮށް ފިނި ގައުމެއްގެ ގޮތުގައި އޮންނަ ޖަރުމަނުގެ ރައްޔިތުންނަށް ތަހައްމަލު ކުރަން އުނދަނގޫ މިންވަރެކެވެ. ޔޫރަޕްގެ ގިނަ އިމާރާތްތަކަކީ ހޫނު ހިފަހައްޓާ ގޮތަށް ބިނާކޮށްފައިވާ ތަންތަނަށް ވުމުން، މި ހާލަތުގައި ގޭތެރޭގެ ހޫނުމިން އިތުރަށް ގޯސްވެ، ސިއްހީ ބޮޑެތި މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ.
ހޫނުގަދަވުމުގެ ސަބަބުން ބައެއް ކާރުޚާނާތައް ވަގުތީ ގޮތުން ބަންދުކުރަން ޖެހުމުން އިގްތިސާދަށް ވަނީ އޭގެ ނޭދެވޭ އަސަރު ކޮށްފައެވެ. މި ހާލަތުން އަރައިގަތުމަށްޓަކައި ޔޫރަޕްގެ ގައުމުތަކުން ދަނީ ޗައިނާއިން ގިނަ އަދަދެއްގެ ފަންކާއާއި އެއާކޯން ފަދަ ފިނިކުރާ ސާމާނު އިމްޕޯޓް ކުރަމުންނެވެ. ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި އެކަނިވެސް 3.5 ބިލިއަން ޑޮލަރުގެ ފިނިކުރާ ސާމާނު ޗައިނާއިން ޔޫރަޕަށް އެތެރެކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި މިފަދަ ގަދަ ހޫނުގެ ސަބަބުން ހާޓް އެޓޭކާއި ހީޓް ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑެވެ. ޖަރުމަނުގެ އިތުރުން ޔޫރަޕްގެ ދެކުނުގެ ގައުމުތަކުގައި ވެސް ހޫނުގެ ސަބަބުން 8،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހާލަތުގެ ސަބަބުން ޔޫރަޕާއި ޗައިނާގެ ވިޔަފާރީގެ ބެލެންސަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރެވެއެވެ.