ވާދަވެރިކަން ގެއްލުވާލައި މަސައްކަތްތައް ބައިބައިކުރުން: ސިޓީ ކައުންސިލްގެ އޮޑިޓުން ފެނުނު މައްސަލަތައް

މާލެ ސިޓީ ކައުންސިލްގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު. ފޮޓޯ: މިހާރު
މާލެ ސިޓީ ކައުންސިލްގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު. ފޮޓޯ: މިހާރު

މާލެ ސިޓީ ކައުންސިލުން 2020 ވަނަ އަހަރު ކުރި ބައެއް ޚަރަދުތަކަކީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް، ވަކި ފަރާތްތަކަކަށް މަންފާވާ ގޮތަށް ކޮށްފައިވާ ކަންކަން ކަމަށް އެ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

ކުރީގެ މޭޔަރު ޝިފާ މުހައްމަދުގެ ދައުރުގައި ހިނގާފައިވާ މި ކަންކަމާ ގުޅޭގޮތުން އޮޑިޓް އޮފީހުން ބުނެފައިވަނީ، ޕްރޮކިއުމަންޓް އުސޫލުތަކާ ހިލާފަށް ގާތް ގުޅުން އޮތް ކުންފުނިތަކުން ކޯޓޭޝަން ހޯދާފައިވާ ކަމަށެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ވާދަވެރިކަން ކަށަވަރު ކުރުމުގެ ބަދަލުގައި، އެއް މަސައްކަތެއްގެ ގޮތުގައި ބެލެވޭ ކަންކަން ވަނީ ކުދި ބައިތަކަކަށް ބަހާލައިގެން ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ލޮނުޒިޔާރަތް ޕާކުގެ މަސައްކަތް ހަތް ބަޔަކަށް، ބަސް ހުއްޓިތަކުގެ މަސައްކަތް އަށް ބަޔަކަށް، އަދި ލޭބަރ ކުއާޓާގެ މަސައްކަތް ހަތަރު ފަހަރަކަށް ބަހާލައިގެން ކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން އާ ސަހަރާގެ މަސައްކަތާއި ވައިޓަލް ސެކްޝަންގެ މަސައްކަތްތައް ވެސް ވަނީ ބައިބައިކޮށްގެން ހަވާލުކޮށްފައެވެ.

އޮޑިޓް އޮފީހުން ސާމްޕަލްގެ ގޮތުގައި ބެލި 35،000 ރުފިޔާއިން ދަށުގެ 46 ޕޭމަންޓް ވައުޗަރުގެ ތެރެއިން 27 ވައުޗަރަކަށް ކޯޓޭޝަން ހޯދާފައިވަނީ ގުޅުންހުރި ވިޔަފާރިތަކުންނެވެ. މީގެ ތެރޭގައި އެއް ކުންފުންޏެއްގެ ދެ ފިހާރަ ނުވަތަ ކުންފުނިތަކުގެ ހިއްސާދާރުންގެ އަމިއްލަ ވިޔަފާރިތައް ހިމެނެއެވެ. މި ވައުޗަރުތަކުގެ ޖުމްލަ އަގު 732,000 ރުފިޔާއަށް ވުރެ މައްޗަށް އަރާއިރު، މިއީ ވާދަވެރިކަން ގެއްލޭ ގޮތަށް ކޮށްފައިވާ ކަމެއް ކަމަށް އޮޑިޓުގައި ބުނެފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ މިގޮތަށް އަމަލުކުރުމުގެ ސަބަބުން ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން ލިބެންޖެހޭ އެންމެ ފައިދާހުރި އަގުތައް ހޯދުމަށް ހުރަސްއެޅިފައިވާ ކަމަށެވެ. އަދި މިއީ ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާ ހޯދައިދިނުމަށް މަގުފަހިވާ ކަމެއްގެ ގޮތުގައި ވެސް ވަނީ ފާހަގަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ