އެކްސިޑެންޓަށްފަހު ފިލި އުޅަނދު ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

މި ހާދިސާގައި އެކްސިޑެންޓުވި ލޯންޗު. ފޮޓޯ: މެރިން ޕޮލިސް
މި ހާދިސާގައި އެކްސިޑެންޓުވި ލޯންޗު. ފޮޓޯ: މެރިން ޕޮލިސް

މާލޭ އިއްޒުއްދީން ފާލަން ކައިރިން ދެ އުޅަނދެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓަށްފަހު، މަޑުނުކޮށް ފިލި އުޅަނދު ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 9 ވީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗަކާއި އިތުރު އުޅަނދެއް ޖެހިގެންނެވެ. އެކްސިޑެންޓްވުމާއެކު އަނެއް އުޅަނދު ވަނީ މަޑުނުކޮށް އެ ސަރަހައްދުން ގޮސްފައެވެ.

މި ހާދިސާގައި "ލީޖަން 1" ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، އެ ވަގުތު ލޯންޗުގައި ތިބި ފަސް މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ބިދޭސީންނާއި ދިވެހި ފިރިހެނެކެވެ. މި އެންމެންނަށްވެސް އައިޖީއެމްއެޗްގައި ފަރުވާ ދީފައިވާއިރު، އޭގެ ތެރެއިން ދެ މީހަކު މިހާރު ވަނީ ދޫކޮށްލާފައެވެ. ނަމަވެސް ބާކީ ތިން މީހުންނަށް އަދިވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މެރިން ޕޮލިސް އިން މިހާރު ދަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ. އެގޮތުން އެކްސިޑެންޓަށްފަހު މަޑުނުކޮށް ދިޔަ އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، މެރިން ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9926094 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ