ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ގައުމީ އެއާލައިން މޯލްޑިވިއަނުން އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސައުދީ އަރަބިއްޔާއަށް ސީދާ އުމްރާ ދަތުރުތައް ފަށައިފިއެވެ.
މިއީ ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް އުމްރާގެ އަޅުކަމަށް ދިއުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ތާރީޚީ ފެށުމެކެވެ.
މި ދަތުރުތަކުގައި ބޭނުންކުރަނީ މޯލްޑިވިއަންގެ އޭ-330 މަރުކާގެ ބޯޓެކެވެ. އުމްރާ ދަތުރުތަކުގެ ޚިދުމަތް ދޭ "ދަ ޓްރެވެލާ" އާއި ގައުމީ އެއާލައިން ގުޅިގެން ކުރިއަށްގެންދާ މި އޮޕަރޭޝަނުގެ ފުރަތަމަ ފްލައިޓް މިއަދު ފަތިހު 4:24 ގައި ވަނީ ފުރާފައެވެ. މި ފްލައިޓުގައި ކުޑަކުދިން ހިމެނޭހެން ޖުމްލަ 260 މީހުން އުމްރާގެ އަޅުކަމަށް ފުރާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މޯލްޑިވިއަނުން އުމްރާ ދަތުރުތައް އެންމެ ފުރަތަމަ ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އޭގެ ފަހުން މިދިޔަ ހައްޖު މޫސުމުގައި ވެސް ހައްޖުވެރިން ސައުދީއަށް ގެންގޮސްދިނުމުގައި އެ އެއާލައިނުން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. މިހާރު އައްޑޫއިން މި ފެށުނު ދަތުރުތަކަކީ އެ އެއާލައިންގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.
ދެކުނުގެ ހަތަރު އަތޮޅު ގުޅުވައިލުމަށް ގައުމީ އެއާލައިނުން ގާއިމުކޮށްފައިވާ "ސައުތު ކަނެކްޓިވިޓީ ނެޓްވޯކް" ގެ ސަބަބުން، އައްޑޫއާއި ފުވައްމުލަކުގެ އިތުރުން ހުވަދު އަތޮޅުގެ ރައްޔިތުންނަށް ވެސް ފަސޭހަކަމާއެކު ގަން އެއާޕޯޓަށް އާދެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން ގަން އެއާޕޯޓަކީ ދެކުނުގެ ވައިގެ ދަތުރުފަތުރުގެ މައި މަރުކަޒަކަށް ވެގެންދާނެއެވެ.