ސްކޫލުތަކަކީ ނުތަނަވަސްކަމުން އެއްކިބާވެފައިވާ، ހަގީގީ އުނގެނުމުގެ މާހައުލުތަކަކަށް ހަދަންޖެހޭ: ވަޒީރު

ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު. ފޮޓޯ: މިނިސްޓްރީ
ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު. ފޮޓޯ: މިނިސްޓްރީ

ސްކޫލުތަކުގެ ތެރޭގައި އުފެދޭ އެކިއެކި ނުތަނަވަސްކަން ނައްތާލައި، އެ ތަންތަނަކީ ހަގީގީ އުނގެނުމުގެ މާހައުލުތަކަކަށް ބަދަލުކުރަން ޖެހޭ ކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ފާއިތުވި އަހަރުގެ މަތީ އަރުތަވެރިންގެ އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ދެވަނަ ދަންފަޅީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކުއްޖާގެ ތަރުބިއްޔަތާއި ތައުލީމުގައި ގޭތެރެއާއި މައިންބަފައިންގެ ދައުރު ވަޒީރު ވަރަށް ބޮޑަށް ފާހަގަކުރެއްވިއެވެ. އެގޮތުން، ކުއްޖެއްގެ އެންމެ ފުރަތަމަ މަދަރުސާއަކީ މަންމަގެ އުނގުކަން ފާހަގަކުރައްވައި، މުދައްރިސުންނަށް އިހުތިރާމް ކުރުމާއި ސްކޫލުގެ ގަވާއިދުތަކަށް ބޯލެނބުމުގެ ސިފަ އަށަގަންނަވަން ޖެހޭނީ ގޭތެރެއިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ސްކޫލުން ދޭ ފިލާވަޅުތަކަށް ކުއްޖާގެ ޝައުގުވެރިކަން ދެމެހެއްޓޭނީ އާއިލާގެ ފަރާތުން ލިބޭ އެހީތެރިކަމާއެކުގައެވެ.

"ގޭތެރެއިން ދަރިވަރުންނަށް ދޭ ވިސްނުމުން، މުދައްރިސުންނަށް ގަދަރާއި އިހުތިރާމްކުރުމާއި ސްކޫލްތަކުގައި ހަދާފައި ހުންނަ ގަވާއިދާއި އުޞޫލުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި ކިޔެވުމަށް ޝައުގުވެރިކަން އާލާކޮށްދޭ." - ވަޒީރު ވިދާޅުވިއެވެ.

ތައުލީމީ ދާއިރާގައި ކުރެވިފައިވާ ދިރާސާތަކަށް އަލިއަޅުއްވާލައްވަމުން، 1960 ގެ އަހަރުތަކުގައި އެމެރިކާގައި ކުރެވުނު "ކޯލްމަން ރިޕޯޓް" ގެ ވާހަކަ ވަޒީރު ހިއްސާކުރެއްވިއެވެ. އެ ދިރާސާއިން ދައްކާ ގޮތުގައި ކުއްޖާގެ ނަތީޖާއަށް އެންމެ ބޮޑު އަސަރެއް ކުރަނީ އެ ކުއްޖާ ދިރިއުޅޭ މާހައުލު ނުވަތަ ގޭތެރެއިންނެވެ. އެހެންކަމުން، ސްކޫލާއި ބެލެނިވެރިންނާ ދެމެދު އޮންނަ ގުޅުން ހަރުދަނާ ކުރުމަކީ ކުއްޖާގެ ކާމިޔާބީއަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ، މުޅި ތައުލީމީ ނިޒާމު ބައްޓަންވާންޖެހޭނީ ދަރިވަރުންގެ މުސްތަގުބަލު އުޖާލާކުރެވޭނެ ފަދަ މަގަކަށް ކަމަށް ވިދާޅުވަމުންނެވެ. ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި ބެލެނިވެރިން ގުޅިގެން، ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރުމަށާއި، ސްކޫލުތަކަކީ އުނގެނުމަށް އެންމެ އެކަށޭނަ ތަންތަނަށް ހެދުމަށް އަޒުމް އާކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ