ރާއްޖޭގައި އުޅޭ ފިރިހެނުންގެ 47 އިންސައްތައަކީ ބިދޭސީން

މާލޭގައި ބިދޭސީންތަކެއް.ފޮޓޯ: އަވަސް
މާލޭގައި ބިދޭސީންތަކެއް.ފޮޓޯ: އަވަސް

ދުނިޔޭގެ އާބާދީ ދުވަހާ ގުޅިގެން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖޭގައި ދިރިއުޅޭ ފިރިހެނުންގެ ޖުމްލަ އާބާދީގެ 47 އިންސައްތައަކީ ބިދޭސީންނެވެ. މިއީ ރާއްޖޭގެ އާބާދީގެ ނިސްބަތަށް ބަލާއިރު ބިދޭސީންގެ ހިއްސާ ވަރަށް ބޮޑުކަން ހާމަކޮށްދޭ އަދަދެކެވެ.

ސްޓެޓިސްޓިކްސް ބިއުރޯގެ އަންދާޒާތަކަށް ބަލާއިރު، ރާއްޖޭގެ ޖުމްލަ އާބާދީއަކީ މިހާރު 590,079 އެވެ. މީގެ ތެރޭގައި ހިމެނެނީ 394,054 ދިވެހީންނާއި 196,024 ބިދޭސީންނެވެ. މި ހިސާބުތަކުން އެނގޭ ގޮތުގައި ރާއްޖޭގައި ދިރިއުޅޭ ކޮންމެ ތިން މީހެއްގެ ތެރެއިން އެކަކީ ބިދޭސީއެކެވެ.

ދިވެހި އާބާދީގެ ތެރޭގައި ޖިންސުގެ ތަފާތު ކުޑަ ނަމަވެސް، ބިދޭސީ އާބާދީގައި ފިރިހެނުންގެ ނިސްބަތް އިންތިހާއަށް ގިނަކަން ފާހަގަކުރެވެއެވެ. ދިވެހި އާބާދީގައި 200,162 ފިރިހެނުން ތިބިއިރު، ބިދޭސީ ފިރިހެނުންގެ އަދަދަކީ 174,005 އެވެ. މިއީ ރާއްޖޭގައި އުޅޭ ބިދޭސީންގެ 89 އިންސައްތައެވެ. ބިދޭސީ އަންހެނުންގެ އާބާދީއަކީ އެންމެ 22,019 އެވެ.

ޚާއްޞަކޮށް މަސައްކަތްކުރާ އުމުރުފުރާ ކަމަށްވާ 20 އަހަރާއި 44 އަހަރާ ދެމެދުގެ އާބާދީއަށް ބަލާއިރު، ދިވެހި ފިރިހެނުންނަށް ވުރެ ރާއްޖޭގައި އުޅޭ ބިދޭސީ ފިރިހެނުންގެ އަދަދު ގިނަކަން ތަފާސްހިސާބުތަކުން ދައްކައެވެ. މި ތަފާތު އެންމެ ބޮޑަށް ފެންނަނީ ރިސޯޓުތަކާއި ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށުންނެވެ. އެފަދަ ރަށްރަށުގައި ދިވެހި ފިރިހެނުންނަށް ވުރެ ބިދޭސީ ފިރިހެނުންގެ ނިސްބަތް މާ ބޮޑަށް އިތުރުކަން ސްޓެޓިސްޓިކްސް ބިއުރޯއިން ވަނީ ފާހަގަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ