"ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ގެ ނަމުގައި ސަރުކާރުގެ އައު އިދާރާއެއް މިއަދު އުފައްދަވައިފިއެވެ.
ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފެއްދެވި މި އޮފީހަކީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ ދަށުން ހިނގަމުންދާނެ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ.
މި އޮފީސް އުފެއްދެވުމުގެ އެންމެ ބޮޑު ބޭނުމަކީ، މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުތައް އިންތިހާއަށް އިތުރުވެ، ދަތުރުފަތުރު ކުރުމުގައި ދިމާވާ ތޮއްޖެހުމުގެ މައްސަލައަށް އަވަސް އަދި ދާއިމީ ޙައްލެއް ހޯދުމެވެ. މިގޮތުން، މާލޭގެ މަގުތަކުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ކަމާބެހޭ އެކި މުއައްސަސާތަކާ ގުޅިގެން ޚާއްޞަ ޕްރޮގްރާމްތައް އެކުލަވައިލައި، އެކަންކަން ތަންފީޒުކުރުމުގެ މަސައްކަތް މި އިދާރާއިން ކުރިއަށް ގެންދާނެއެވެ. މީގެ އިތުރުން، މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ޕާކުކުރުމުގެ ދަތިކަމަށް ޙައްލު ހޯދައިދިނުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމުގައި މި އޮފީހުން އިސްދައުރެއް އަދާކުރާނެއެވެ.
ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހަކީ ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގާނެ އިދާރާއެކެވެ. މި އޮފީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، އުޅަނދުތައް އިތުރުވުމުގެ ސަބަބުން ދިމާވާ އިޖުތިމާޢީ އަދި އިޤްތިޞާދީ މައްސަލަތަކަށް ވަށާޖެހޭ ޙައްލެއް ހޯދުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލުމުގައި ސަރުކާރަށް ލަފާދިނުން ހިމެނެއެވެ. އަދި މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތައް ވިލަރެސްކުރުމަކީވެސް މި އިދާރާގެ މުހިންމު މަސައްކަތެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމުގައިވާ ގޮތުން، ދައުލަތުގެ އިދާރާތަކުން މި އޮފީހަށް ފޮނުވާ ރަސްމީ ސިޓީތަކުގައި ޖައްސަވާނެ ނަންބަރަކީ 1142 އެވެ. މި އައު އިދާރާއާއެކު، މާލޭގެ މަގުތަކުގެ ތޮއްޖެހުމަށް ހައްލެއް ލިބި، ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ބަދަލުތައް އަންނާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.